ރާއްޖެ މިނިވަންވިތާ 59 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ހުކުރު ދުވަހު ހަވީރު އެއްގަމު އުޅަނދު ދުއްވުން މާލެ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ވެހިކަލް ދުއްވުން މަނާ ކުރަން ނިންމީ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެއްދިއުމަށް ހަމަޖެހިފައިވާތީ ކަމަށެވެ.
އެގޮތުން އެ ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖުކުރުމަށް ދަތިވާނެތީވެ، ހުކުރު ދުވަހު ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 06:00 ޖެހުމާ ހަމައަށް އުޅަނދު ދުއްވުން މަނާވާނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.
ސަރުކާރުން ކުރާ ހަރަދު ކުޑަކުރަން މިނިވަން ދުވަހާއި ގުޅިގެން މިފަހަރު ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބާއްވައި، ހަމައެކަނި މިނިވަން ދުވަސް ފާހަގަ ކުރުމަށް ހަރަދު ކުޑަކޮށް ޖަލްސާއެއް ބާއްވަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން މިފަހަރު މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހަމައެކަނި ބާއްވަނީ ޕެރޭޑެއްގެ އިތުރުން އެކަމަށް ހާއްސަ ޖަލްސާއެކެވެ.














