މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުވާފައިވާ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޑރ. އަހްމަދު މުނައްވަރުއާ އިންޓަވިއު ކުރުމުގެ މަރުހަލާ ލަސްވެއްޖެ އެވެ.
މިއަދު އޮތް ޖަލްސާގައި މުނައްވަރު އެ މަގާމަށް އައްޔަނު ކުރުމަށް ލަފާ ހޯދުމަށް ރައީސް ފޮނުއްވި ސިޓީ އިއްވި އެވެ. އެ މައްސަލަ ފޮނުވީ މާލިއްޔަތު ކޮމިޓީއަށެވެ. އެ ކޮމިޓީގެ ބައްދަލުވުން ފައްޓަވަމުން މުގައްރިރު, ގާސިމް އިބްރާހިމް ވިދާޅުވީ މިއަދު ގަސްތުކުރެއްވީ އިންޓަވިއު ކުރަން ކަމަށެވެ.
"މުނައްވަރު ރާއްޖޭގައި ވަޑައިގެން ނެތީމައި އެމަނިކުފާނާ އިންޓަވިއުއެއް ނުކުރެވޭނެ. އަދި އެކަމަށް ބޭނުންވާ އެހެން މައުލޫމާތު ހޯދަން ހަ ފަރާތަކަށް ސިޓީ ފޮނުވިފައި ވަނީ," ގާސިމް ވިދާޅުވި އެވެ.
އެއީ ގާނޫނު މަތިކުރާ ޝަރުތުތައް އޭނާގެ ކިބައިގައި ފުރިހަމަވޭތޯ ބެލުމުގެ ގޮތުން މައުލޫމާތު ސާފުކުރުމަށް ފޮނުވާފައިވާ ސިޓީތަކެކެވެ.
މުނައްވަރު ހުންނެވީ ޗައިނާގަ އެވެ. މިވަގުތު ރައީސްގެ ކެބިނެޓުގެ ތިން ވަޒީރަކު ވެސް ފިނޭންސް މިނިސްޓަރު ހިމެނޭހެން ތިއްބެވީ ޗައިނާގަ އެވެ.

އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކޮމިޓީގެ ރިޕޯޓު ނިންމައި ތަޅުމަށް ފޮނުވަން ވަނީ ފާސްކޮށްފަ އެވެ.
ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރަން ލަފާ ދިނުމަށް މަޖިލީހުން އިއްޔެ ފާސްކުރުމާ އެކު މުނައްވަރުގެ ނަން މަޖިލީހަށް ވަނީ ފޮނުވާފަ އެވެ.
މުނައްވަރަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ޖޫން 22, 2016 ގަ އެވެ. ޔާމީންގެ ވެރިކަން ނިމެންދެން އެ މަގާމު އޭނާ ފުރުއްވި އެވެ.
ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަަރުގެ މަގާމަށް މިނިސްޓަރެއްގެ ފެންވަރުގައި އޭނާ އައްޔަނުކުރީ ޑިސެމްބަރު 12, 2023 ގަ އެވެ.













