ކުރިން ޕީޕީއެމް/]ޕީއެެންސީ ކޯލިޝަނުގެ ގޮތުގައި ހަރަކާތްތެރިވި ކޯލިޝަނުގެ ރިޔާސީ ޓިކެޓް، ރައީސް ޑރ.މުހައްމަދު މުއިއްޒު ހޯއްދެވި ގޮތް އެއީ ބަގާވާތެއް ކަމަށް އޭރު އެ ކޯލިޝަނުގެ ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމު ސިފަކުރައްވައިފި އެވެ.
ކޯލިޝަނުގެ މައިޕާޓީގެ ގޮތުގައި ޕީޕީއެމް އޮތް އިިރު، ރިޔާސީ ޓިކެޓް ދިނީ ޔާމީނަށެވެ. އެހެން ނަމަވެސް އެމަނިކުފާނަށް އޭރު އިއްވާފައި އޮތް 11 އަހަރުގެ ޖަލުހުކުމާ ހެދި އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލިއްޖެ ނަމަ "ޕްލޭން ސީ" ގެ ގޮތުގައި އޭރުގެ ކުޑަ ޕާޓީ، ޕީއެންސީގެ ޓިކެޓުގައި ބޭފުޅަކު ނެރެން އެ ކޯލިޝަނުން ނިންމި އެވެ.
ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ރައީސް މުއިއްޒު ޓިކެޓް ކާމިޔާބުކުރެއްވީ ޕީއެންސީގެ ސެނެޓްގައި އެކަމަށް ޓަކައި ބޭއްވި އެތެރޭގެ ކުޑަ އިންތިހާބެއް ކާމިޔާބުކުރައްވައިގެންނެވެ. އެއީ މިހާރުގެ ކައުންސިލް މިނިސްޓަރު އާދަމް ޝަރީފާ ވާދަކުރައްވައިގެންނެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ކެންޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ރައީސް މުއިއްޒުއަށް ލިބިވަޑައިގެންނެވީ ރައީސް ޔާމީނުގެ މައްޗަށް އިއްވާފައި އޮތް ޖަލު ހުކުމުގެ ސަބަބުން އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމްކޯޓުން ކަނޑައެޅުމުންނެވެ.
ޕީޕަލްސް ނެޝަނަލް ފްރޮންޓުން ބުރާސްފަތިދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީނު ވިދާޅުވީ އެމަނިކުފާނު ފުރަތަމަ ޖަލަަށް ގެންދިޔައިމާ ޕާޓީ ތެރޭގައި ބަގާވާތެއް ކުރި ކަމަަށާއި އޭގެ ފަހުން ދެވަނަ ފަހަރު ޖަލަށް ވަޑައިގަތުމުން ވެސް ކުރީ ބަގާވާތެއް ކަމަށެވެ.

"ފުރަތަމަ އަަޅުގަނޑު ޖަލަށް ގެންދިޔައިމާ ބަގާވާތެއް ކުރި. އަަޅުގަނޑު އެކަން ކޮންމެވެސް ވަރަަކަށް ބަލައި އެއަށް އަޅައި ނުލީ. ދެން ވެސް ކުރީ ބަގާވާތް. އެމީހުންގެ ފަރާތުން ކޮންމެވެސް ބަޔަކު ނުކުމެ މަސައްކަތް ކުރި ހެޔޮހިތުން، އެކަމަކު އެ ވެސް [އެ މަސައްކަތް ވެސް] ހުއްޓުވައިލީ،" ޔާމީނު ވިދާޅުވި އެވެ.
"ދެ ބާގާވާތެއް"ގެ ވާހަކަ ދެއްކެވި ނަމަވެސް އޭގެ އިތުރު ތަފްސީލެއް ޔާމީނު ނުދެއްވަ އެވެ.
އެކަންތައްތައް ހިނގި އިރު ޔާމީނުގެ އިސް ވަކީލެއްގެ ގޮތުގައި ހުންނެވި ކުރީގެ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލު ދެކެވަޑައިގަންނަވާ ގޮތުގައި ފުރަތަމަ ބަގާވާތެއް ކަމަށް ޔާމީނު އެ ސިފަކުރައްވަނީ އެމަނިކުފާނު ފުރަތަމަ ފަހަރު ޖަލަށް ލުމާ އެކުގައި ރިޔާސީ ޓިކެޓު ހޯއްދަވަން އެކިއެކި ބޭފުޅުން ކުރި މަސައްކަތެވެ.
"ރައީސަށް [ޔާމީނަށް] ކަންނޭނގެ ރައީސްގެ ވިއު ޕޮއިންޓް އެންމެ ރަނގަޅަށް ކިޔައިދޭން އެނގޭނީ، އެހެން ނަމަވެސް އަޅުގަނޑަށް ފެނު ތަނުގައި އަސްލު ރައީސް އެ އިޝާރާތްކުރައްވަނީ ފުރަތަމަ ފަހަރަށް ރައީސް ޖަލަށް ވަޑައިގަތުމާ ގުޅިގެން ދެން ޕާޓީ ތެރޭގައި ވަރަށް ބޮޑަށް ހަމަ ފަހުން މިހިނގި ޒާތުގެ ކަންތައްތަކެއް، ޕާޓީގެ ސެނެޓަރުންނާ ޕާޓީ ތެރޭގެ އެކިއެކި މީސްމީހުންނާ މި މީސްމީހުންނާ ގުޅިގެން، ޕާޓީގެ ރިޔާސީ ޓިކެޓު [ހޯދަން ކުރި މަސައްކަތްތަކަށް]،" ޖަމީލު ވިދާޅުވި އެވެ.
އެކަމުގެ ތެރޭގައި ޕާޓީގެ ސެނެޓަރުންނަށް ފައިސާ ދިން ކަމަށް ވެސް ޖަމީލު ތުހުމަތުކުރެއްވި އެވެ.
"ފާޅުކަން ބޮޑު ގޮތެއްގައި އެކަން ގެންދިޔައީ ވެސް މިހާރު ތިމަންނާ މެންނަށް މިކަން ކުރެވެން އެބަ އޮތޭ [ކިޔައިގެން] މީސްމީހުން ވަކިވަކިން ގެންގޮސް ފައިސާ ހުށަހަޅައި، އަދި މަގުމަތީގެ ހަރަކާތްތައް ހުއްޓުވުމަށް ވެސް އެމީސްމީހުންނަށް ފައިސާދީ މިކަހަލަ ކަންތައްތަކެއް ކުރި،" ޖަމީލު ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވި ގޮތުގައި ފުރަތަމަ ބަގާވާތުގެ ގޮތުގައި ޔާމީނު ސިފަކުުރެެއްވި މަސައްކަތުގެ ތުހުމަތު އޮތީ މިހާރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނަށެވެ.
އެފަހަރު ޔާމީނު ޖަލުން މިނިވަންވެވަޑައިގެން ކުރެއްވި މަސައްކަތުން ޕާޓީ އަނެއްކާ ވެސް އެކަތިގަނޑަކަށް ހެއްދެވި ކަމަށާއި އެ މަސައްކަތް ކުރެއްވީ ބޭރު ތެރެއަށް އެވާހަކަ ނުފެތުރޭ ގޮތަކަށް ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.
"އެއީ ވެސް ވަރަށް ބުރަ މަސައްކަތެއް، އެކަން ހަމައަކަށް އަޅުއްވައި ހަމަ ނިމުނުތަނާ ދެވަނަ ހުކުމް މިއައީ، ދެން ދެވަނަ ހުކުމް އައިސްގެން ރައީސް ހަމަ ވަޑައިގެންނެވި ތަނުން [ކުރި] ދެވަނަ ބަގާވާތެކޭ ރައީސް އެ އިޝާރާތްކުރައްވަނީ އަޅުގަނޑު ހިތުން، ރައީސް ޖަލަށް ވަޑައިގެންނެވިތަނާ މީގެ ތެރޭގައި މިމީހުން ފަށައިފި ޕާޓީގެ ރިޔާސީ ކެންޑިޑޭޓަނަކަށް ވުމުގެ މަސައްކަތް، ދެން އޭގެ ތެރޭގައި މުއިއްޒު އެ މަސައްކަތް ފެށްޓެވީ،" ޖަމީލު ވިދާޅުވި އެވެ.
އޭރުގެ ސެނެޓުގެ އެކި މީސްމީހުންނާ މުއިއްޒު ބައްދަލުކުރައްވައި އެކި މަގާމުތައް ހުށަހެޅުއްވި ވާހަކަ ވެސް އަޑު އިވިވަޑައިގެންނެވި ކަމަށް ޖަމީލު ވިދާޅުވި އެވެ. ފަހުން މަގާމުތައް ދީފައި ހުރީ ވެސް އޭރު އަޑު އިވިވަޑައިގެންނެވި ގޮތަށް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.












