ދައުލަތުގެ ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ވަޒީފާ ގެއްލުނަސް އެކަމަށްވެސް ކެތްތެރިވުމަށް ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ވެސް އޮންނަ ޕީއެންސީން އެޕާޓީގެ ޖަގަހާގައި ރޭ ބޭއްވި ޖަލްސާގައި މުސްތަފާ ވިދާޅުވީ ދައަލަތުގެ ހަރަދު ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ކަނޑައެޅުއްވި ފިޔަވަޅުތައް ތަންފީޒުވެގެންދާއިރު ބައެއްގެ ވަޒީފާތައް ނެތިގެން ދިއުމަކީ ވެދާނެ ކަމެއް ކަމަށެވެ. އެކަމަށް ކެތްތެރިވާން އޭނާ އިލްތިމާސްކުރެއްވި އެވެ.
"އޭގެ ސަބަބުން ބައެއް ބޭފުޅުންގެ ވަޒީފާ ގެއްލުނީމަ ހިތްހަމަ ނުޖެހުން އަންނާނެ، އެހެން ނަމަވެސް އަޅުގަނޑު ދަންނަވާނީ އެވެސް ކެތްތެރިކަމާއެކީގަ އިހަތް ބަލައިގަންނާށޭ، ކުޑަކުޑަ ދުވަސްކޮޅެއް ކުޑަކުޑަ ވަގުތު ކޮޅެއް ސަރުކާރަށްވެސް އަޅުގަނޑުމެން ދޭން އެބަ ޖެހޭ،" މުސްތަފާ ރޭ ވިދާޅުވި އެވެ.
އަދި، ސަރުކާރަށް އަހަރެއްވެސް ނުވަނީސް ސަރުކާރާ ދިމާލަށް ބޭނުންހާ އެއްޗެއް ގޮވާ ހަޅޭލެވުމަކީ ދިވެހިން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، އެ ވާހަކަތައް "ބުށްދިހުރި ދިވެހި ރައްޔިތުން" އަޑުނާހާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އިސްވެރިންނާއި މަޖިލިސް މެންބަރުން ގެންގުޅުއްވާ އާންމު އުސޫލުގެ ދަށުން މުސްތަފާވެސް ރޭ ވަނީ ގައުމުގެ މާލީ ހާލަތުގެ ފުރިހަމަ ޒިންމާ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އަޅުވާފަ އެވެ. އަދި މާލީ ހާލަތުގެ ޒިންމާ މި ސަރުކާރުން އެއްވެސް ވަރަކަށް ނަގަން ނުޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ނަމަވެސް ރައީސް މުއިއްޒުއާއި މި ސަރުކާރުން މަސައްކަތް ކުރަނީ މި ހާލަތުން އަރައިގަންނަން ކަމަށާއި އެ މަސައްކަތުގެ ތެރޭގައި ދިވެހި ކޮންމެ ރައްޔިތަކުވެސް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
އަދި، އެ ދަތިތަކުގެ ތެރެއިން ކެތްތެރިވާން ޖެހޭ ކަމަށާއި ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު ކަމަށްވެސް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
ދައުލަތުގެ ހަރަދުތައްކުޑަކުރުމުގެ ގޮތުން ސިޔާސީ މުވައްޒަފުން ހިމެނޭހެން ފިޔަވަޅުތަކެއް އަޅުއްވަން ނިންމަވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ، ޖޫން 27 ގަ އެވެ. ނަމަވެސް އޭގެ ފަހުންވެސް ސިޔާސީ އެކި މަގާމުތަކަށް މީހުން ވަނީ އައްޔަންކޮށްފަ އެވެ.
މީގެއިތުރުން، ސަރުކާރަށް މި ވީ ހަތް މަސްދުވަހުގެ ތެރޭގައި އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދެއް ހާމައެއް ނުކުރެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ އަދަދު އޮޅުން ފިލުވަން އެދުމުން ފިނޭންސް މިނިސްޓަރު، ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ އެ މައުލޫމާތު ސާފުކުރަން ޖެހޭނީ ރައީސް އޮފީހުން ކަމަށެވެ.












