ޓްރާންސްޕޯޓު މިނިސްޓްރީގެ ނައިބު ހަސަން ޒިހާން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި އެވެ.
އޭނާ މަސައްކަތުން އެކަހެރިކުރިކަން "އަދަދު" އަށް ކަށަވަރު ވީ ނަމަވެސް އެ ފިޔަވަޅު އެޅި ސަބަބެއް އަދި ނޭނގެ އެވެ.
ޒިހާން "އަދަދު" އަށް ވިދާޅުވި ގޮތުގައި މަސައްކަތުން އެކަހެރިކޮށްފައި ވާތީ އޭނާ މިހާރު އޮފީހަކަށް ވަޑައެއް ނުގަންނަވަ އެވެ. އެހެން ނަމަވެސް އެ ފިޔަވަޅު އެޅި ސަބަބު އޭނާ ވެސް ވިދާޅެއް ނުވެ އެވެ.
ޒިހާން މަސައްކަތުން އެކަހެރިކޮށްފައި ވާއިރު އެކިއެކި ކަންކަމުގައި އާއްމުންގެ ފާޑުކިއުން އޭނާއަށް އަމާޒުވި އެވެ.
އެގޮތުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފިކުރު ނައްތާލަންޖެހޭ ކަމަށް ވިދާޅުވުމުންނާއި އައިވީއެފް ހިދުމަތް ހޯދުން ރާއްޖޭގައި އިތުރުވަނީ ބަރަހަނާ މަންޒަރު ބެލުން އިތުރުވުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު އޭނާއަށް ފާޑުކި އެވެ.

އެމްޑީޕީ ނައްތާލަން ޖެހޭ ކަމަށް ވިދާޅުވުމުން އޭނާއަށް ފާޑުކީ ބައެއް މީހުން ބުނީ އޭނާ ފަތުރަނީ "އަނިޔާވެރި" އަދި "ޖާހިލު" ވިސްނުމެއް ކަމަށާއި "ތިމާއާ އެއްބަސްނުވެވޭ އެހެން ހުރިހާ ފިކުރެއް ނައްތާލުމަކީ އަނިޔާވެރި އަދި ޖާހިލިއްޔަ ޒަމާނުގެ ނުބައި ވިސްނުމެއް،" ކަމަށެވެ.
ޒިހާނަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އައިވީއެފްގެ ފަރުވާއާއި ބަރަހަނާ މަންޒަރު ބެލުމާ ގުޅުވުމުންނެވެ. އެގޮތުން "ދަރިމައިވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނަކީ ބަރަހަނާ މަންޒަރުތަކަށް ދެވިހިފާފަ ތިބި މީހުން ކަމަށް ތުހުމަތު ކުރުމަކީ ވަރަށް އިހުތިރާމުކުޑަ އަމަލެއް," އެކަކު ލިޔުނެވެ.
އޭގެއިތުރުން، އާންމު މީހަކާ ދިމާލަށް ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމެއްގައި ހުރި ބޭފުޅަކު "ގަމާރެއް" ފަދަ އިބާރާތަކުން މުހާތަބު ކުރުމުން ވެސް އެއްބަޔަކު ވަނީ ޒިހާނަށް ފާޑުކިޔާފަ އެވެ. އެގޮތުން, މިއީ އޭނާގެ ބަސްމަގު ހުންނަން ޖެހޭ ގޮތްތޯ އެ މީހުން ވަނީ ސުވާލު އުފައްދާފަ އެވެ.













