ހާލުގައި ޖެހިފައިވާ ފަލަސްތީނުގައި މީހުންނަށް އެހީވުމަށް އދ. އިން އުފައްދާފައިވާ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (އަންރުވާ) އަށް ރާއްޖެއިން ދޭ ފައިސާގެ އެހީ 50،000 ޑޮލަރަށް (771،000 ރުފިޔާ) އިތުރު ކުރަން ނިންމައިފި އެވެ.
މިހާތަނަށް ރާއްޖެއިން އަންރުވާ އަށް ދެމުން ދިޔައީ އަހަރަކު 5،000 ޑޮލަރެވެ. އެ އެހީ 50،000 އަށް ޑޮލަރަށް ބަދަލުކުރަން ނިންމާފައިވާކަން ހާމަ ކުރެއްވީ، ފަލަސްތީނަށް އެހީ ހޯދުމާ ގުޅޭ ގޮތުން އދ. މައި މަރުކަޒުގައި އިއްޔެ ބޭއްވި 'އަންރުވާ ޕްލެޖިންގް ކޮންފަރަންސް' ގައި، ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު އެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އަންރުވާ އަށް ދޭ އެހީ ބޮޑުކުރުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން "ފަލަސްޠީނާއެކު ދިވެހީން" މި ނަމުގައި ގައުމީ ފެންވަރުގައި ބޭއްވި ޓެލެތޯން އިން ލިބިފައިވާ 18.4 މިލިއަން ރުފިޔާ އަދި 49,800 އެމެރިކާ ޑޮލަރު އަންރުވާ މެދުވެރިކޮށް, ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.
ތެލެތޯނުން ލިބުނު ފައިސާ އާއި ސަރުކާރުން އަންރުވާ އަށް ދޭ 50،000 ޑޮލަރާއެކު އެހީގެ ޖުމުލަ 1.29 މިލިއަން ޑޮލަރަށް އަރާނެ އެވެ.
މި ފައިސާގެ އިތުރުން ޒަކާތު ފަންޑުން ފަލަސްތީނަށް 100،000 ޑޮލަރު ހަދިޔާ ކުރަން ވަނީ ނިންމައިފަ އެވެ.













