ރައްޔިތުންގެ މަޖިލީހުގައި ވެރިކަން ހިންގާ ޕީއެންސީ ތަމްސީލު ކުރާ މެންބަރުންނަށް "ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން" ކޮންމެ މަހަކު ދެއްވާ ބައިލައްކަ ރުފިޔާ މިމަހު ވެސް ނަގުދު ފައިސާއިން ދީފި އެވެ.
މެންބަރުންނަށް ފައިސާ ދީފައިވާކަން ޕީއެންސީގެ ތިން މެންބަރަކު ވަނީ "އަދަދު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. ޕީއެންސީގެ 75 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު އެ މެންބަރުންނަށް ބައިލައްކަ ރުފިޔާ ދޭން މަހެއްގެ މައްޗަށް 3.75 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.
އެ ފައިސާއާ ނުލައި ވެސް މަޖިލިސް މެންބަރަކަށް ކޮމެޓީ އެލެވެންސްގެ ގޮތުގައި ލިބޭ 20،000ރ. އާއެކު ކޮންމެ މަހަކު މުސާރައިގެ ގޮތުގައި 82،500ރ. ލިބެ އެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު ފައިސާ ދޭން ނިންމިކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ މުލިއާގޭގައި މެއި 22، ގައި ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުންނާއި ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
"ރައީސްގެ ފަރާތުން" މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު 50،000ރ. ދެއްވާނެ ކަމަށް އެދުވަހު ރައީސް ވިދާޅުވުމުން، އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ބުނެ އެގޮތަށް އެކަން ނުކުރުމަށް ބައެއް މެންބަރުން އެދުވަހު ރައީސްގެ އަރިހުން އެދުނު ކަމަށް ވެސް މި ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވި އެވެ.

ނަމަވެސް "އެއީ އެއްވެސް މައްސަލައެއް ނޫން" ކަމަށް ރައީސް މުއިއްޒު އެދުވަހު ވިދާޅުވެ އެކަން އެމަގުން ކުރައްވަމުން ގެންދަވަނީ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
ސަރުކާރުން މީގެ ކުރިން ވަނީ ޕީއެންސީގެ މެންބަރުންނަށް "މުލިއާގެއިން މަހަކު 50،000ރ. ދޭ" ވާހަކަ ދޮގު ކޮށްފަ އެވެ. ނަމަވެސް" މި ނޫހަށް އެނގިފައި ވާގޮތުގައި ހުސްވި މަހު ވެސް ޕީއެންސީގެ ކޮންމެ މަޖިލިސް މެންބަރަކަށް "ރައީސްގެ ފަރާތުން" ބައިލައްކަ ރުފިޔާ ދީފައިވެ އެވެ.
އެ ފައިސާގެ އިތުރުން ޕީއެންސީގެ އެކި މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންނަށާއި ޕީއެންސީ ހިންގުމަށް ވެސް "ރައީސްގެ ފަރާތުން" ފައިސާ ދޭ ކަމަށް ޕީއެންސީގެ އިސް ބައެއް ބޭފުޅުން ވަނީ "އަދަދު" އަށް މައުލޫމާތު ދީފަ އެވެ. އެ ފައިސާގެ ޖުމުލަ އަދަދު ހަ މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް އެ ބޭފުޅުން ކަށަވަރު މި ނޫހަށް ކަށަވަރު ކޮށްދިނެވެ.
"ރައީސް މުއިއްޒުގެ ފަރާތުން" މަޖިލިސް މެންބަރުންނަށް ކޮންމެ މަހަކު ފައިސާ ދޭން ހަރަދު ކުރަނީ ކޮން ގޮތަކަށް ކަމެއް ނޭނގެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މުސާރައަކީ 100،000ރ. އެވެ.













