ފުރަތަމަ ޑިގުރީ ހިލޭ ކިޔަވައިދެވޭ ގޮތަށް މިދިޔަ ސަރުކާރުން ފެށި ޕްރޮގްރާމް ހިންގަން އަމިއްލަ ކޮލެޖުތަކަށް މިދިޔަ ހަތަރު އަހަރު 537.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަން އެނގިއްޖެ އެވެ.
އިސްމާއީލް އަފްރާހް ނަމަކަށް ކިޔާ މީހަކު މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައޫލާތު ދިނުމަށް އެދިގެން ފޮނުވި މައުލޫމާތުގައިވާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން މިދިޔަ ފެބްރުއަރީ މަހާ ހަމައަށް ޖުމުލަ 695 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މިދިޔަ ހަތަރު އަހަރު ހިލޭ ޑިގުރީއަށް ހަރަދު ކުރި ގޮތް:
- މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ - 138.8 މިލިއަން ރ. (4،504 ދަރިވަރުން)
- އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް - 18.5 މިލިއަން ރ. (942 ދަރިވަރުން)
- އެވިޑް ކޮލެޖު - 52.7 މިލިއަން ރ. (1،307 ދަރިވަރުން)
- ކްލިކް ކޮލެޖު - 11.2 މިލިއަން ރ. (341 ދަރިވަރުން)
- ސައިރިކްސް ކޮލެޖު - 15.2 މިލިއަން ރ. (360 ދަރިވަރުން)
- މޯލްޑިވްސް ބިޒިނަސް ސްކޫލް - 83.6 މިލިއަން ރ. (2،439 ދަރިވަރުން)
- މަންދު ކޮލެޖު - ހަތް މިލިއަން ރ. (234 ދަރިވަރުން)
- މެޕްސް ކޮލެޖު - 32.5 މިލިއަން ރ. (997 ދަރިވަރުން)
- މިއަންޒު އިންޓަނޭޝަނަލް ކޮލެޖު - 106.2 މިލިއަން ރ. (2،842 ދަރިވަރުން)
- ވިލާ ކޮލެޖު - 172.6 މިލިއަން ރ. (4،522 ދަރިވަރުން)
- ޒިކުރާ އިންޓަނޭޝަނަލް ކޮލެޖު - 56.7 މިލިއަން ރ. (1،928 ދަރިވަރުން)
އިސްމާއީލް އަފުރާހު މި ތަފާސްހިސާބު އެކްސްގައި ހިއްސާކުރީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު އެ ޕްރޮގްރާމަށް ފާޑުވިދާޅުވެފައިވަނިކޮށެވެ. އޭނާ ސިފަކުރެއްވީ ކުރީގެ ސަރުކާރުގެ އެ ޕްރޮގްރާމަކީ "ސްކޭމެއް" ކަމަށެވެ.











