ކައުންސިލްތަކަށްވުރެ ސަރުކާރުގެ ސައިޒު ބޮޑުވުމުން ކަންބޮޑުވާން ޖެހޭ: ޖަމީލް

ޑރ. މުހައްމަދު ޖަމީލް އަހުމަދު: ކައުންސިލުތަކުގެ ސައިޒު ކުޑަކުރާނަމަ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލެއްވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ޑރ. މުހައްމަދު ޖަމީލް އަހުމަދު: ކައުންސިލުތަކުގެ ސައިޒު ކުޑަކުރާނަމަ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލެއްވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކައުންސިލްތަކަށްވުރެ ސަރުކާރުގެ ސައިޒު ބޮޑުވުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކައުންސިލްތަކުގެ ސައިޒު ކުޑަކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސްގެ އިންތިހާބު އެއްކޮށް ބާއްވަން ބޭނުންވެވަޑައިގަންނަވާ ކަމަށާއި ކައުންސިލުތަކުގެ ސައިޒު ކުޑަ ކުރުމުން އޭގެ ފައިދާ ރައްޔިތުންނަށް ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވި އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވުމާއެކު އެކަމަށް ކައުންސިލުތަކާއި، އިދިކޮޅު ޕާޓީތަކުގެ އިތުރުން އާންމު ރައްޔިތުން ވެސް އަންނަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. ރައީސްގެ ވާހަކަފުޅަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ ކައުންސިލުތަކުގެ ބާރު ކުޑަވާގޮތަށް ސައިޒު ކުޑަކުރުން ބަލައި ނުގަންނާނެ ކަމަށެވެ.

އެކަމާ ގުޅިގެން ޖަމީލް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސަރުކާރު ހިންގަވަން ނޭނގޭ ކަމަށާއި ކައުންސިލްތަކުގެ އަދަދު ބޮޑުވެގެން އެކަމާ ކަންބޮޑުވުމަށްވުރެ، ސަރުކާރުގެ އިސް ވަޒީފާތަކުގައި ތިބި މީހުންގެ އަދަދު ގިނަވެގެން އެކަމާ ކަންބޮޑުވާން ރަނގަޅު ކަމަށެވެ.

"ކުޑަކުޑަ ގައުމެއްގައި ސަރުކާރު ބޮޑުވެގެން މިއުޅެނީ ކީއްވެގެންތޯ. ކީއްވެތޯ ސަރުކާރު ކުޑަ ނުކުރެވިގެން މިއުޅެނީ. ސަރުކާރުގައި ބައިވަރު ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އެބަތިބި. އިށީންނާނެ ގޮނޑި ނެތް ބޭފުޅުން ވެސް އެބަތިބި. އެމީހުން ކުރަން ޖެހޭ މަސައްކަތް ނޭގޭ މީހުން ވެސް އެބަ ތިބި،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ރާއްޖޭގެ މުޅި އިންސްޓިޓިއުޝަންއަށް ބަދަލު ގެނައުން ނޫން ކަމަށާއި، ރިޔާސީ އިންތިހާބުގައި މިފަދަ އެއްވެސް ވާހަކައެއް ނުދައްކާ ކުއްލިއަކަށް މިފަދަ ވާހަކަތައް ދެއްކުމުން ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަމީލު ވިދާޅުވީ ރައްޔިތުންގެ މަސްލަހަތާ ގުޅޭ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށާއި އެއީ މުޅި ދުނިޔޭގައި ވެސް އެކަން ކުރަމުން އަންނަ ގޮތް ކަމަށެވެ.

"ޔޫކޭ އާއި ތަންތަނުގައި ވެސް ބޮޑެތި އިޝޫތަކުގައި އެއަށް ސްޕެސިފިކަލީ ވޯޓަށް ވަޑައިގެން މެންޑޭޓް ހޯއްދަވަން ޖެހެނީ. ރައްޔިތުން މެންޑޭޓް ދީފައި މިއޮތީ އެކަން ކުރުމަކަށް ނޫން. އެހެންވީމަ އެ މެންޑޭޓް ހޯއްދަވަން ހަމަ އެ އިޝޫގައި ރައްޔިތުން އަރިހަށް ވަޑައިގެން ވޯޓު ހޯއްދަވަނީ. ނަމަވެސް މިވަގުތު އެ މެންޑޭޓެއް ނެތް އެކަން ކުރުމަށް،" ޖަމީލް ވިދާޅުވި އެވެ.

ރާއްޖޭގައި ކައުންސިލުތަކުގެ ގާނޫނު ވުޖޫދުވި ފަހުން، އެ ގާނޫނަށް މިހާތަނަށް ވެސް އިސްލާހުތައް ގެނެސްފައި ވަނީ އެ ގަނޫނު ހަރުދަނާ ކުރުމަށްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އަދަދުތަކަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ބަހެއް ހޯދައިގެން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox