މާލީ ގޮތުން ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ރޯޑު ޑިވެލޮޕްމެންޓު ކޯޕަރޭޝަން އިން ނިންމައިފި އެވެ.
ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާވާ އާރުޑީސީން މިފަދަ ނިންމުމެއް ނިންމީ ސަރުކާރުގެ މާލީ ހާލަތު ގޯހުން ގޯހަށްދާ މި ދަނޑިވަޅުގައި، ހަރަދު ކުޑަކުރުމަށް ސަރުކާރުން ވެސް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.
"މާލީ ގޮތުން ފައިދާވާ ކުންފުންޏަކަށް މި ކޯޕަރޭޝަން ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުންފުނީގެ ހަރަދު ކުޑަކުރުން ހިމެނެ އެވެ. ވީމާ ކުންފުނީގެ ހަރަދު ކުޑަކުރުމަށްޓަކައި މެނޭޖުމަންޓުން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް އެއްމެހާ މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވުން އެދެމެވެ،" ޖުލައި 4. 2024 ގައި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީލް، މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ވެ އެވެ.
އާރުޑީސީއަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އިތުރު ގަޑި ހަރުކަށިކުރުމާއި މަރާމާތުތައް ހުއްޓާލުމާއި ދަތުރުތައް މަދުކުރުމާއި ހިންގުމުގެ އެހެން ހަރަދުތައް ކުޑަކުރުން ހިމެނެ އެވެ.
އާރުޑީސީން އެޅި ފިޔަވަޅުތަކުގެ ތަފްސީލް
- މިވަގުތަށް ކޮންމެންހެން ކުރަންޖެހޭ މަރާމާތުތައް ފިޔަވައި އިތުރު އެއްވެސް މަރާމާތެއް ނުކުރުން
- އޮފީހުގެ ބަޖެޓުން ހަރަދުކޮށްގެން ކުރަންޖެހޭ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި އަދި މިފަދަ ދަތުރެއް ކުރަންޖެހިއްޖެ ނަމަ ވީހާ ވެސް ހަރަދު ކުޑަ ގޮތަކަށް ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުން
- ފޯނާއި އިންޓަނެޓާއި ފެނާއި ކަރަންޓް އަދި މީނޫންވެސް އޮފީސް ހިންގުމުގެ ހަރަދުތައް ކުޑަކޮށް ހަމަޖެއްސުން
- އޮފީހުގައި ކަރަންޓުން ބޭނުންކުރާ މެޝިނަރީ އާއި އިކުއިޕްމެންޓާއި އެހެނިހެން އާލާތްތައް ބޭނުން ނުކުރާ ވަގުތުތަކުގައި ނިއްވާލުން
- އޮފީހުގެ ތެރޭގައި ކުރަންޖެހޭ މުއާމަލާތްތަކުގައި ވީހާ ވެސް މަދުން ކުރުދާސް ބޭނުން ކުރާ ގޮތަށް ހަމަޖެއްސުން
- ކޮންމެހެން ބާއްވަންޖެހޭ ހަފުލާއެއް ފިޔަވައި އިތުރު ހަފުލާއެއް ނުބޭއްވުން
- އިތުރު ގަޑީގައި މަސައްކަތް ކުރަންނުޖެހޭ ގޮތަށް މަސައްކަތް ރާވައި ކުރިއަށް ގެންދިޔުން
- އޮފީސް ރަސްމީކޮށް ބަންދުކުރުމަށް ކަނޑައެޅިުފައިވާ ގަޑި، ރޭގަނޑު 22:00ގެ ކުރިން މަސައްކަތް ނިންމާލުން. އަދި އޭގެ ފަހުން ކޮންމެހެން ނިންމަންޖެހޭ މަސައްކަތެއް ކުރަންޖެހިއްޖެ ނަމަ އެ ދުވަހުގެ ރަސްމީ ގަޑި، 16:00 ކުރިން އެ ޑިޕާޓްމެންޓެއްގެ ސީނިއާ މެނޭޖަރު، އެޑްމިނިސްޓްރޝަން ޑިޕާޓްމެންޓުގެ ސީނިއާ މެނޭޖަރަށް އީމެއިލް ކުރުން.
ދުރާލާ ހުއްދަ ނުހޯދައި އިތުރު ގަޑީގައި މަސައްކަތް ކުރި ނަމަވެސް، ދޭންޖެހޭ ފައިސާ އެޕްރޫވް ނުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

މާލީ ގޮތުން ފައިދާ ހޯދަން ކަމަށް ބުނެ މި ފިޔަވަޅުތައް އެޅިއިރު، ކުންފުނީގެ ވިޔަފާރި އިތުރަށް ފުޅާކޮށް ފައިދާ ހޯދާނެ ގޮތްތަކެއް ހާމައެއް ނުކުރެ އެވެ.











