ސަރުކާރުން ފަށައިގެން އުޅޭ ކަމަށް ބުނާ "އިސްލާހީ މަސައްކަތަށް" އެއްބާރުލުން ދޭން، ހިޖުރީ އާ އަހަރު، 1446.ހ ފެށުމުގެ މުނާސަބާގައި ރޭ އާއްމުކުރެއްވި ހިތާބުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި އެވެ.
ދައުލަތުގެ ހަރަދު ބޮޑުވެ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަަރައިގަތުމަށްޓަކައި އިސްލާހީ މަސައްކަތްތަކެއް ފަށާފައިވާ ކަން ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ. އެ މަސައްކަތުގައި ސަރުކާރުގެ ހަރަދު ކުޑަ ނުކުރި ނަމަވެސް ރައްޔިތުންނާ ގުޅޭ ބައެއް ކަންކަމުން ވަނީ ހަރަދު ކުޑަވެސް ކޮށްފަ އެވެ. މިފްކޯއަށް ބޮޑު ސަބްސިޑީއެއް ދީގެން ކިލޯއަކަށް 20 ރުފިޔާގެ ރޭޓުން މަސްގަތުން ހުއްޓައިލުމަކީ މީގެ މިސާލެކެވެ.
ހިޖުރީ އާ އަހަރުގެ މުނާސަބާގައި އާއްމުކުރެއްވި ހިތާބުގައި ރައީސް ވިދާޅުވީ މާނަވީ ގޮތުން ބަލާއިރު، ހިޖުރަކުރުމުގެ މާނައަކީވެސް އިންސާނާ ހުރި ހާލަތުން، އެއަށްވުރެ ރަނގަޅު ހެޔޮ ގޮތްތަކަކަށް ރުޖޫއަވުން ކަމަށެވެ. އެ އުސޫލުން އާ އަހަރާ އެކު އަޒުމަކަށް ވާންވީ "އިސްލާހީ މަސައްކަތަށް އެއްބާރުލުން ދިނުން" ކަމަށް ވެސް ވިދާޅުވި އެވެ.
"...ވީމާ، އައު އަހަރާއެކު އަޅުގަނޑުމެންގެ އަޒްމަކަށް ވާންވީ، ދިވެހިރާއްޖޭގެ މާދަމާގެ ސަލާމަތާއި، ފުދުންތެރިކަމާއި، ތަމައްދުނަށްޓަކައި ސަރުކާރުން ފަށާފައިވާ އިސްލާހީ އަދި ބިނާކުރަނިވި މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމެވެ. އެންމެން އެއް ރޫހެއްގައި މި ޤައުމުގެ ކުރިމަގަށްޓަކައި މަސައްކަތް ފެށުމެވެ،" ހިތާބުގައި ރައީސް ވިދާޅުވި އެވެ.
ހިޖުރީ ކަލަންޑަަރަކީ ރަަސޫލުﷲ ޞައްލަﷲ ޢަލައިހި ވައްސަލަމް މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރަޔާ ގުޅުވައި ތާރީހު ޖަހަން ފަށްޓަވައިގެން އުފެއްދެވި ކަލަންޑަރެކެވެ. އެ ކަލަންޑަރުގެ ފުރަތަމަ މަހަކީ މިރޭ ފެށުނު މުހައްރަމް މަހެވެ.

އެ ތާރީހަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ މުސްލިމުންގެ މެދުގައި ގުޅުން ބަދަހިކޮށް އަޚުވަންތަކަން ވަރުގަދަކުރެއްވުމަށް ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އިސްކަން ދެއްވިކަން، އެކަލޭގެ ފާނު މަދީނާގައި ހޭދަކުރެއްވި ދުވަސްތަކުން ފެންނަން އެބަ އޮތް ކަމަށެވެ. އެކަލޭގެ ފާނުގެ ދިރިއުޅުއްވުމުން ފެންނަން އޮތީ ނަމޫނާ ލިބިގަންނަން ޖެހޭ މިސާލުތައް ކަމަށް ވެސް ވިދާޅުވި އެވެ.
"...މަދީނާގައި އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ ކާމިޔާބުން ލިބޭ އެއް ފިލާވަޅަކީ، ގައުމެއްގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަވުން މުހިންމުކަމެވެ. އާއިލާތައް ބަދަހިވާން ޖެހޭކަމެވެ. މުރާލިކަމާއި ހީވާގިކަމާއެކު މަސައްކަތްކުރަން ޖެހޭކަމެވެ،" ހިތާބުގައި ރައީސް ވިދާޅުވި އެވެ.
ގައުމު އިސްލާހުކުރުމުގައި އެންމެން އެއްބައިވަންތަވާން އިލްތިމާސްކުރެއްވި ނަމަވެސް ކުރީގެ ސަރުކާރުތަކާ މެދު ރުހިވަޑައިނުގެންނެވުމުގެ ބައެއް ވާހަކަތައް ހިތާބުގައި ހިމެނުއްވި އެވެ. އެގޮތުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އެތައް ބަޔަކު ރާއްޖޭގައި އުޅެނީ އެކަމާ އަޅައިނުލައި ދޫކޮށްލާފައި އޮތުމުން ކަމަށް ވިދާޅުވި އެވެ.













