ބޮޑުފިނޮޅު ވިއްކާލުމަކީ އެ ސަރަހައްދުގެ ފަތުރުވެރިކަމަށް ލިބުނު ގެއްލުމެއް ވ. އަތޮޅު ކައުންސިލްގެ ރައީސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ވ. އަތޮޅު ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު ވިއްކާލީ 729،000 ޑޮލަރަށް (11.2 މިލިއަން ރުފިޔާ) އަށެވެ. އެއީ ވ. އަތޮޅު ތިނަދޫއާ އެއް ބިތެއްގައި، އެ ރަށާ 7.7 ކިލޯމީޓަރު ދުރުގައި އޮތް ފިނޮޅެކެވެ.
ޝުޖާއު ވިދާޅުވީ ވ. އަތޮޅު ރައްޔިތު މީހާއަށް, ހިންގޭ ވިޔަފާރިތަކަށް, އަދި މުސްތަގުބަލަށް ވެސް މިކަމުގެ ސަބަބުން ބޮޑު ހުރަހެއް އެޅޭނެ ކަމަށެވެ.
"ލާމަރުކަޒީ ގާނޫނާ ހިލާފަށް އަތޮޅުތަކުގެ ގުދުރަތީ ވަސީލަތްތައް ވިއްކުން ހުއްޓުވެންޖެހޭ. މިއީ މުޅި ސަރަހައްދުގެ ފަތުރުވެރިކަމަށް ލިބޭނެ ގެއްލުމެއް،" ޝުޖާއު ވިދާޅުވި އެވެ.
އެ ފަޅު ވިއްކާލުމާ ގުޅިގެން ވ. ތިނަދޫ ރައީސް ޝިފާގު ހުސައިން ވެސް ހިތްހަމަ ނުޖެހުން ވަނީ ފާޅުކޮށްފަ އެވެ.

ބޮޑު ފިނޮޅަކީ ވ. އަތޮޅުގައި ނުގިރައި އޮތް ހަމައެނި ފިނޮޅު ކަމަށާއި އެހެންވެ، އެތަން އެންމެ ބަޔަކަށް މަންފާ ލިބޭ ގޮތަށް ވިއްކާ ނުލުމަށް ޝިފާގު އިލްތިމާސް ކުރި އެވެ.
މައުލޫމާތު އެނގޭ މީހަކު "އަދަދު" ނޫހަށް ބުނީ އެ ފަޅު ގަތުމަށް ހަތަރު ފަރާތަކުން ހުށަހެޅި ކަމަށާއި އޭގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހެޅީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާގެ ލޯކަލް ޓޫރިޒަމް ހިންގާ ކާނި ހޮޓެލްސްއިން ކަމަށެވެ.












