ށ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރި ދޯންޏެއް ފަރަން އަރައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ސިފައިން މިއަދު ބުނި ގޮތުގައި ފަރަށް އެރީ ށ. ވަނގާރުން މާލެ ދަތުރުކުރި 75 ފޫޓުގެ "ނަސްފަރު" ނަމަކަށް ކިޔާ ދޯންޏެކެވެ. ވަނގާރަކީ ދަނޑުވެރިކަން ކުރާ ރަށެކެވެ. ދޯނި ފަރަށް އެރިއިރު 10 މީހަކު ދޯނީގައި ތިއްބެވެ.
އެ ދޯނި ނ. ލޯފަރު ފަރަށް އަރާފައިވަނީ ރޭ ދަންވަރު ކަމަށާއި ދޯނި މިހާރު ދަނީ ދިޔަވަމުން ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ. އަދި އެ ހިދުމަތުގެ ނޮދަން ކޮމާންޑުން ދޯންޏަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ސިފައިން ބުންޏެވެ.
އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުން މި ދޯނީގައި ވަނީ ދަނޑުވެރިކަމުގެ އުފެއްދުންތަކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމަކަށް އެމްއެންޑީއެފުން ބުނެފައެއް ނުވެ އެވެ.













