މި ސަރުކާރުގައި ސިޔާސީ މަގާމުތަކަށް އައްޔަނުކުރާނެ މީހުންގެ ލިމިޓަކީ 700 ކަމަށް ވެރިކަމާ ހަވާލުވުމުގެ ކުރިން ކަނޑައެޅި ނަމަވެސް އެ ލިމިޓު ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވިތާ ދެތިން މަސް ދުވަހުގެ ތެރޭގައި ހަމަވެފައިވާކަން އެކި މަސްދަރުތަކުން "އަދަދު" ނޫހަށް ލިބިފައިވާ މައުލޫމާތު އެއްކުރުމަށް ފަހު ހިސާބު ޖެހުމުން ޔަގީންވެއްޖެ އެވެ.
މިއަދާ ހަމައަށް ވެސް ސިޔާސީ މަގާމުތަކުގައި ތިބީ ކިހާ އަދަދެއްގެ މުވައްޒަފުން ކަމެއް ސަރުކާރުން އިސްވެ ހާމަކޮށްފައި ނުވެ އެވެ. އެ އަދަދު ހޯދުމަށް މެއި 24, ގައި "އަދަދު" ނޫހުން ވަނީ ރައީސް އޮފީހަށާއި ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކަށް އާރުޓީއައި ފޮނުވާފަ އެވެ.
އެ އާރުޓީއައިގައި އެދުނީ ނޮވެމްބަރު 17, 2023 އިން ފެށިގެން މެއި 1, 2024 އާ ހަމައަށް މިނިސްޓްރީތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށެވެ. ރައީސް މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ މިނިސްޓްރީތަކުގެ ތެރެއިން މައުލޫމާތު ދިނީ 13 މިނިސްޓްރީއަކުންނެވެ. ރައީސް އޮފީހާއި ބާކީ ނުވަ މިނިސްޓްރީއިން އާރުޓީއައިއަށް ޖަވާބު ދީފައި ނުވެ އެވެ.
އާރުޓީއައިއަށް ޖަވާބު ނުދިން މިނިސްޓްރީތަކުގެ ސިޔާސީ މަގާމުތަކުގެ މައުލޫމާތު މި ހަބަރަށް އެއްކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓާއި އެ މިނިސްޓްރީތަކުގެ ސޯޝަލް މީޑިއާތަކުން ފެންނަން ހުރި މަދު މައުލޫމާތުތަކުންނެވެ.
39 މިނިސްޓަރުން ނުވަތަ މިނިސްޓަރުން ފެންވަރުގެ ބޭފުޅުން
- މުސާރަ - 58,500ރ.
- މަހެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 2,281,500ރ.
- އަހަރެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 27,378,000ރ.
މި ބޭފުޅުންގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރުންނާއި އެކި އިދާރާތަކުގެ ކޮމިޝަނަރުން ހިމެނެ އެވެ.

85 ސްޓޭޓް މިނިސްޓަރުން
- މުސާރަ - 43,500ރ.
- މަހެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 3,697,500ރ.
- އަހަރެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 44,370,000ރ.
މީގެ ތެރޭގައި ސަރުކާރުން އެކި ސަބަބުތަކާ ގުޅިގެން ވަކިކުރި ސްޓޭޓް މިނިސްޓަރުންނެ ނުހިމެނެ އެވެ.
180 ޑެޕިއުޓީ މިނިސްޓަރުން
- މުސާރަ - 31,500ރ.
- މަހެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 5,670,000ރ.
- އަހަރެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 68,040,000ރ.
174 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން
- މުސާރަ - 25,500ރ.
- މަހެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 4,437,000
- އަހަރެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 53,244,000
95 ޕޮލިޓިކަލް ޑިރެކްޓަރުން
- މުސާރަ - 20,500ރ.
- މަހެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 1,947,500ރ.
- އަހަރެއްގެ މައްޗަށް މުސާރައަށް ހޭދަވާ އަދަދު - 23,370,000ރ.
މި މަގާމުތަކުގެ އިތުރުން, 13 އެސިސްޓަންޓް ޕޮލިޓިކަލް ޑިރެކްޓަރުންނާއި, 98 ޔޫތު އެސޯސިއޭޓުންނާއި, 22 މިނިސްޓަރުންގެ ޕާސަނަލް އެސިސްޓަންޓުންނާ އެކު ސަރުކާރުގައި ޖުމުލަ 705 ސިޔާސީ މުވައްޒަފުން ތިބިކަން އެއްކުރި މައުލޫމާތުތަކުން ދައްކަ އެވެ.
މި މައުލޫމާތުތައް މިދިޔަ އަހަރު ނިމުނު ފަހުން އަދާހަމަކޮށްފައި ނުވާތީ ރައީސް އޮފީހާއި އެ ނުވަ މިނިސްޓްރީގައި އެއަށްވުރެ މާ ގިނަ ސިޔާސީ މުވައްޒަފުން ތިބޭނެ ކަމަށް ބެލެވެ އެވެ. އެ ނުވަ މިނިސްޓްރީގައި ތިބި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި, ޕޮލިޓިކަލް ޑިރެކްޓަރުންނާއި, އެސިސްޓަންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ އަދަދެއް ނޭނގެ އެވެ.
މި ހިސާބު "އަދަދު" ނޫހުން ޖަހާފައި މިވަނީ އެ މަގާމުތަކާއި, ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅާއި، މިހުރިހާ ތަނެއްގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންނާއި, އެމްބަސީތަކާއި ރާއްޖޭގެ މިޝަންތަކުގައި ތިބި މުވައްޒަފުންނާއި, އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ލާފައި ތިބި މުވައްޒަފުން އަދި ރަށްރަށުގެ އެކި މުއައްސަސާތަކުގައި ތިބި ސިޔާސީ މީހުން ނުހިމަނަ އެވެ.
މި މައުލޫމާތުތަކުން އެކަނި ވެސް މަހެއްގެ މައްޗަށް 20 މިލިއަން ރުފިޔާ ސިޔާސީ މުވައްޒަފުންނަށް ހޭދަކުރެ އެވެ. މައުލޫމާތު ނުދޭ މިނިސްޓްރީތަކާއި ރައީސް އޮފީހުގެ މައުލޫމާތު ހިމަނައިފިނަމަ އެ އަދަދު 30 މިލިއަނަށް ވުރެ އިތުރުވާނެ ކަމަށް ބެލެވެ އެވެ.
މިދިޔަ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި 1،063 ސިޔާސީ މުވައްޒަފުން ތިބި ކަމަށް އޭރު ހާމަކުރި މައުލޫމާތުތަކުން ދައްކަ. އޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 808 ސިޔާސީ މުވައްޒަފުން ތިއްބެވެ.
އެހެންކަމުން, މި ހިސާބު ޖެހުމަށް ނުލިބުނު މައުލޫމާތުތައް ހިމަނައިފިނަމަ ރައީސް މުއިއްޒުގެ ސަރުކާރާކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ސިޔާސީ މުވައްޒަފުން ތިބި ސަރުކާރު ކަމަށް ދައްކަ އެވެ. އަދި, ސިޔާސީ މުވައްޒަފުންގެ މަހު މުސާރައަށް މަހަކު އެންމެ ގިނައިން ހޭދަކުރާ ސަރުކާރުވެސްމެ އެވެ.
އަސްލު ނަންބަރު ނޭނގި ސިޔާސީ މުވައްޒަފުން ވަކިކުރި ނަމަވެސް އެކަމުގެ ސަބަބުން ކުރާނެ އަސަރެއް އަންދާޒާ ކުރަން ދައްޗެވެ. މި މައުލޫމާތުތަކަކީ ހާމަކުރަން ގާނޫނުން ލާޒިމު ކުރާ މައުލޫމާތުތަކެއް ނަމަވެސް ސަރުކާރުން އެންމެ ފަހަރަކު ވެސް މި މައުލޫމާތު ދީފައި ނުވެ އެވެ.
ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހިއްސާކުރި މިނިސްޓްރީތައް
- ޑިފެންސް މިނިސްޓްރީ
- ހޯމް މިނިސްޓްރީ
- ފިނޭންސް މިނިސްޓްރީ
- ހެލްތު މިނިސްޓްރީ
- އިކޮނޮމިކް މިނިސްޓްރީ
- އެޓާނީ ޖެނެރަލްގެ އޮފީސް
- ޓޫރިޒަމް މިނިސްޓްރީ
- ސޯޝަލް ޑިވެލޮޕްމަންޓު މިނިސްޓްރީ
- ސްޕޯޓްސް މިނިސްޓްރީ
- އެންވަޔަރަމަންޓު މިނިސްޓްރީ
- ގައުމިއްޔަތު މިނިސްޓްރީ
- ކޮންސްޓްރަކްޝަން މިނިސްޓްރީ
- އެގްރިކަލްޗާ މިނިސްޓްރީ
ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހިއްސާނުކުރާ މިނިސްޓްރީތައް
- ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
- ފޮރިން މިނިސްޓްރީ
- އެޑިއުކޭޝަން މިނިސްޓްރީ
- ފިޝަރީޒް މިނިސްޓްރީ
- އިސްލާމިކް މިނިސްޓްރީ
- ހައުސިން މިނިސްޓްރީ
- ޓްރާންސްޕޯޓު މިނިސްޓްރީ
- ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
- ޔޫތު މިނިސްޓްރީ
- ލޯކަލް ގަވަމަންޓު މިނިސްޓްރީ
މިއީ މައުލޫމާތު ހޯދައިލިބިގަތުމުގެ ގާނޫނާ ކަނޑައެޅިގެން ހިލާފުވެފައިވާ އޮފީސްތަކެވެ.












