ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަމިއްލަ ވިޔަފާރީގެ މަސްލަހަތުގެ ވާހަކަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ދައްކަވާފައި ވާތީ އެކަން ކުށްވެރިކޮށް، އެ މައްސަލަ ބަލަން ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ގޮވައިލަައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ސަރުކާރުގެ މަސް ކުންފުނި, މިފްކޯއަށް ދެމުންދާ ސަބްސިޑީ އޭނާގެ ވިޔަފާރިތަކަށް ވެސް ލިބެން ޖެހޭނެ ކަމަށާއި އަދި މިފްކޯއިން ނުނަގާ ކުއްޔެއް އެހެން ވިޔަފާރިއަކުން ވެސް ނެގިގެން ނުވާނެ ކަމަށެވެ.
ގާސިމް މިމޭރުމުން ވާހަކަ ދެެއްކެވީ މަސް ގަންނަ އަގު ކުޑަކުރަން ސަރުކާރުން ނިންމި ނިމްމުމާއި މަސްވެރިންނަށް ޑޮލަރުން ފައިސާ ނުދޭ މައްސަލަ ބަލައިދޭން އެދި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވުމުންނެވެ.
ގާސިމްގެ އެ ވާހަަކަ "އަދަދު" އިން ރިޕޯޓްކޮށް، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓް ރިޕޯޓް ކުރައްވަމުން ޖަމީލް ވިދާޅުވީ ގާސިމް ރައްޔިތުންގެ މަޖިލީހުގައި އެގޮތަށް ވާހަކަ ދައްކަވަން ގާނޫނު އަސާސީގެ 75 ވަނަ މާއްދާ ފުރުސަތު ނުދޭ ކަމަށެވެ.
"އަމިއްލަ ވިޔަފާރި އަދި މަޞްލަޙަތު ކުރިއަރުވަން އޮންނަތަނެއް ނޫން ރ. މަޖްލިހަކީ. ގާސިމްގެ މިވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ފިޔަވަޅު އަޅަން ގޮވާލަން," އެކްސްގައި ކުރެއްވި ރިޕޯސްޓް ގައި ޖަމީލު ވިދާޅުވި އެވެ.

titledesc













