ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ކިރާފައިވާ މަހަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދޫކުރަން ފަށާފައިވާތީ، އައްޑޫ ސިޓީ މީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އައްޑޫ މަސްވެރިން ކުރަމުންދިޔަ މުޒާހަރާ 10 ދުވަސް ފަހުން ނިންމާލައިފި އެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އައްޑޫގެ 15 ދޯނިން މުޒާހަރާ ކުރަން ފެށީ ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދައި، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ދިގުލައިގެން ދިޔުމާ ގުޅިގެންނެވެ.
މުޒާހަރާގައި ދޯނިތަކުން ބައިވެރިވި މަސްވެރިން ވަނީ މުޒާހަރާ ކުރަމުންދިޔަ ތަން ދޫކޮށް ފުރައިފަ އެވެ. އެ މުޒާހަރާގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތައް ވެސް މަސްވެރިން ހުއްޓުވި އެވެ.
މުޒާހަރާއާ ގުޅިގެން މިފްކޯގެ އޮޕަރޭޝަންތައް ހުއްޓުވާ މަސްވެރިން ނިސްބަތްވާ ދޯނިތަކަށް މިފްކޯއަށް މަސް ކިރުން ތިން މަހަށް ސަސްޕެންޑުކުރާނެ ކަމަށް ބުނެ ސަރުކާރުން އިންޒާރުވެސް ދިނެވެ. ނަމަވެސް އެއްވެސް ދޯންޏެއް ސަސްޕެންޑު ނުކުރެ އެވެ.
މިފްކޯއިން މަސްވެރިން އަތުން ކިރާފައިވާ މަހަށް މިދިޔަ ބުރާސްފަތީގެ ނިޔަލަށް ދޭންޖެހޭ 53 މިލިއަން ރުފިޔާ ސަރުކާރުން މިއަދު ވަނީ ޖަމާ ކުރަން ފަށާފަ އެވެ.

މަސްވެރިންނަށް ސަރުކާރުން ވައުދުވެފައި ވަނީ މިފްކޯއަށް މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރާނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ މިހާރު އޮތް އަމާޒަކީ ކިރާ މަހަށް ލަސްވެގެން ދެ ހަފްތާއިން ފައިސާ ދޫކުރުމެވެ.













