ރޯ މަސް ކިލޯއެއްގެ އަގު އެންމެ ދަށްވެގެން 20ރ. އަށް ހަދާނެ ކަމަށް، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެ މަނިކުފާނު ހިލާފުވެވަޑައިގެންފި އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މިފްކޯއަށް ރޯމަސް ގަންނަމުން ދިޔައީ ކިލޯއެއް 25ރ. އަށެވެ. އެގޮތަށް އެމްޑީޕީ ވެރިކަމުގައި ބަދަލުކުރީ، ރިޔާސީ ކެމްޕޭނުގެ ވާދަވެރިކަމުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި މިންވަރަށް ވުރެ ރަނގަޅު އަގެއް މަސްވެރިންނަށް ދިނުމުގެ ގޮތުންނެވެ.
އެއީ ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓޭނެ އަގަކަށް ނުވާތީވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ރޯމަސް ކިލޯއެއް 20ރ. އަށް ގަންނަ ގޮތަށް ބަދަލު ކުރި އެވެ.
މަހުގެ އަގު ދަށްކުރުމާ ގުޅޭ ގޮތުން އޭރު ފިޝަރީޒު މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަހުގެ އަގު ވައުދުވި ގޮތަށް ބަދަލުކުރަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ބަރާބަރަށް ދިނުމަށް ކަމަށެވެ. އަދި މިފްކޯ ބަނގުރޫޓު ވިޔަ ނުދިނުމަކީ ވެސް މަހުގެ އަގު 20ރ. އަށް ބަދަލުކުރުމުގެ އެއް ބޭނުން ކަމަށް އޭރު ވިދާޅުވި އެވެ.
ނަމަވެސް މި ސަރުކާރުން ވެސް ދައުލަތުގެ ހިންގުމުގެ ހަރަދު ބޮޑުކޮށް، ކުންފުނިތަކަށާއި ސަރުކާރަށް ސިޔާސީ ބޭނުމަށް މުވައްޒަފުން ގިނަކޮށްލުމުގެ ސަބަބުން މާލީ ހާލަތު ސޮއްސާލައިގެން ދިޔުމާ ގުޅިގެން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށް ދަތިތައް ކުރިމަތިވެ، އެތައް މިލިއަން ރުފިޔާ އަށް ވަނީ ދަރައިފަ އެވެ. އެހެންވެ، އެންމެ ފަހުން މަހުގެ އަގު ދަށްކުރަން މަޖުބޫރުވެ، ދަށް އަގު ރޭ ވަނީ އިއުލާނުކޮށްފަ އެވެ.

މަހުގެ އަގު އެންމެ ދަށްވެގެން ކިލޯއެއް 20ރ. އަށް ހިފަހައްޓާނެ މިހާރުގެ ފިޝަރީޒު މިނިސްޓަރު އަދި އޭރު ނައިފަރު ދާއިރާގެ މެންބަރު ޝިޔާމުގެ އުފަން ރަށް ނައިފަރުގައި ބޭއްވި ޖަލްސާގައި ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
"ދެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް އަޅުގަނޑުމެން އޮންނާނީ އިޢުލާންކޮށްފައި މިހާރު ރޯމަސް ގަންނަ އަގު އެންމެ ކުޑަ އަގެއްގެ ގޮތުގައި 20 ރުފިޔާ ހަމަ ޖައްސާނެ ވާހަކަ، ކިލޯއަކަށް،" ރައީސް މުއިއްޒު، އޯގަސްޓް 31، 2023 ގައި ނައިފަރުގައި ވިދާޅުވި އެވެ.
މިއަދުން ފެށިގެން މަސް ގަންނަ އަގަށް ގެނެސްފައިވަނީ މި ބަދަލުތަކެވެ.
ގަނޑުކުރި މަސް ގަންނަ އަގު
- 1.5 ކިލޯއަށް ވުރެ ބަރު މަސް - ކިލޯއަކަށް 16ރ.
- 1.5 ކިލޯ ހަމަނުވާ މަސް - ކިލޯއަކަށް 7ރ.
ގަނޑު ނުކުރާ މަސް ގަންނަ އަގު
- 1.5 ކިލޯއަށް ވުރެ ބަރު މަސް - ކިލޯއަކަށް 14ރ.
- 1.5 ކިލޯ ހަމަނުވާ މަސް - ކިލޯއަކަށް 5ރ.











