ވެލިދޫ މެންބަރު ވިދާޅުވީ އިގްތިސާދީ ހާލަތާ މެދު "ކަންބޮޑުވުމެއް ނެތް" ކަމަށް ރައީސްއަށް "ވިދާޅުވެވުނީ" ހަގީގަތް ނޭނގި ކަމަށް

ވެލިދޫ މެންބަރު އައްބާސް: ދަރަނީގެ މައްސަލައިގައި ޒިންމާ އުފުލަން ޖެހޭނީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވި --- ފޮޓޯ: މަޖިލިސް

ވެލިދޫ މެންބަރު އައްބާސް: ދަރަނީގެ މައްސަލައިގައި ޒިންމާ އުފުލަން ޖެހޭނީ ކުރީ ސަރުކާރުން ކަމަށް ވިދާޅުވި --- ފޮޓޯ: މަޖިލިސް

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ޑރ. މުހައްމަދު އިގްތިސާދާ ބެހޭ ގޮތުން ވާހަކަ ދެއްކެވީ އަދި ބައެއް ވައުދުތައް ވެވަޑައިގެންނެވީ ކަން އޮތް ގޮތް އެނގިވަޑައިނުގަންނަވަނީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ދަރަންޏާ ބެހޭ ބިލަށް ވާހަކަ ދައްކަވަމުން، "އިގްތިސާދީ ހާލަތާމެދު ކަންބޮޑުވުމެއް ނެތް" ކަމަށް ވިދާޅުވެ ރައީސް ވިދާޅުވެފައި އޮތް ވާހަކައެއް އެމްޑީޕީގެ މެންބަރަކު ނަކަލު ކޮށްލުމުން އައްބާސް ވިދާޅުވީ އެފަދަ ވާހަކަތައް ރައީސް މުއިއްޒު ދެއްކެވީ ބައެއް އެގްރިމެންޓުތައް ލޮލަށް ނުފެންނާތީ "ވިދާޅުވެވުނު" ވާހަކަތަކެއް ކަމަށެވެ.

"އިއްޒަތްތެރި މެންބަރު އެ ދައްކަވާ ވާހަކަތަކަށް ރިއާޔަތްކޮށް އެއްޗެއް ދަންނަވާ ނަމަ ދަންނަވާލެވޭނީ އެއިރުގެ ރިޔާސީ ކެންޑިޑޭޓު މިހާރުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެއިރު ރައްޔިތުންނާ މުހާތަބުކޮށް ވެވަޑައިގެންނެވި ވައުދުތަކަކީ އެއިރުގެ ސަރުކާރުން ސިއްރުކޮށްފައި ހުރި ހުރިހާ އެގްރިމެންޓުތަކެއް ލޮލަށް ނުފެންނާތީ، އެ އެއްޗެހިތައް ނުފެންނާތީ ވިދާޅުވެވުނު ވިދާޅުވުންތަކެއްކަމުގައި ދަންނަވަން،" އައްބާސް ވިދާޅުވި އެވެ.

ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ހުށަހަޅަމުން ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އޭގެ ރައްދުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ނަކަލުކޮށްލީ ރައީސް މުއިއްޒު "އިގްތިސާދީ ހާލަތާމެދު ކަންބޮޑުވުމެއް ނެތް" ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައި އޮތް ވާހަކަ އެވެ.

"[ރައީސް މުއިއްޒު ވިދާޅުވީ] ކަންކަން ކުރެވޭ ގޮތަށް ކޮންމެ ވަދޭ ފައިސާ. އަދި ދައްކަން ހުރި ލޯނުތަކަށް ފައިސާ ހޯދޭނެ ގޮތްތައް އަޅުގަނޑުމެންނަށް އެބަހުރި ފަހިވެފަ. މިހާރު ވެސް އަޅުގަނޑުމެންނާ ގާތް ރައްޓެހި ދިމަދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފަ ދައްކަން ހުރި ބައެއް ބޮޑެތި ލޯނުތައް ރީފައިނޭންސް ކުރެވޭނެ ގޮތްތައް ހުރީ ހަމަޖެހިފައި. އެހެންވީމާ އެއްވެސް ކަންބޮޑުވުމެއް ނެތް. އެއްވެސް ކަންބޮޑުވުމެއް ނެތް އަޅުގަނޑުމެންނަށް ގައުމުގެ އިގްތިސާދީ ހާލަތާމެދު،" ރައީސްގެ ވާހަކަ ކޯޓު ކުރަމުން މީކާއިލް ވިދާޅުވި އެވެ.

ދައުލަތުގެ ދަރަންޏާ ބެހޭ ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މީކާއިލް އިތުރަށް ވިދާޅުވީ މި ސަރުކާރުން އިގްތިސާދީ ހާލަތަށް ނުބަލައި ވަރަށް ބައިވަރު، ބޭކާރު ހަރަދުތައް ކުރި ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނާ ގުޅިގެން ވޯޓު ހޯދަން ވަރަށް ގިނަ މުވައްޒަފުން ސަރުކާރަށް އިތުރު ކުރި ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ.

މިއަދު ހުށަހެޅި ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގައި ދައުލަތުގެ ދަރަނި ނެގުމާ ބެހޭ އުސޫލުތަކާއި ދަރަނި މެނޭޖް ކުރުމާ ބެހޭ އުސޫލުތަކާއި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުގެ ސޮވިރިން ގެރެންޓި ދިނުމާ ބެހޭ އުސޫލުތަކާއި ދައުލަތުގެ ދަރަންޏާ ބެހޭ މައުލޫމާތު ހާމަކުރުމާއި ރިޕޯޓް ކުރުމާ ގުޅޭ އުސޫލުތައް ހިމެނޭނެ އެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަ ދެއްކެވި ސަރުކާރު ހިންގާ ޕީއެންސީގެ އެހެން މެންބަރުން ވެސް ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. އެގޮތުން ކާށިދޫ ދާއިރާގެ މެންބަރު މުމްތަސިމް އިބްރާހިމް އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެސް ވަނީ އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ދައުލަތުގެ ދަރަނި ބޮޑުވެ، އިގްތިސާދީ ހާލަތު ގޯސްވެފައި ވަނީ އެމްޑީޕީގެ ސަރުކާރުގެ ސަބަބުން ކަމަށް މި ސަރުކާރުން ބުނި ނަމަވެސް އިދިކޮޅު އެމްޑީޕީން ބުނަނީ ދަރަނި ބޮޑުވެ، އިގްސާދީ ހާލަތު ގޯސްވީ މި ސަރުކާރަށް މެނޭޖްކުރަން ނޭނގިގެން ކަމަށެވެ.

"އިންތިހާބުން ބަލިވުމުން ސަޕްލިމެންޓަރީ ބަޖެޓަށް ފައިސާ ހޯދަން އަޅުގަނޑުމެންނަށް ދަތިވި. އޭރު ވާހަކަ ދެއްކިން ޓްރާންސިޝަން ޕީރިއަޑްގައި. އެ ބޭފުޅުން ހަމަ ވަރަށް ޔަގީންކަން ދިން 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް. ހަމަ ނޮވެމްބަރު 17 ގައި ހުވާ ކުރާ ހިސާބުގައި 200 މިލިއަން ޑޮލަރު ލިބޭނެ ގޮތަށް ވާހަކަ ދެކެވުނީ," އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ވަރަށް ބޮޑެތި ހަރަދުތައް ކުރައްވަމުން ގޮސް ދައުލަތުގެ ހަރަދުތައް މަދު ކުރުމަށް ނިންމާފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނު ވަނީ އިއުލާނު ކުރައްވައިފަ އެވެ.

"ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ. މީގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox