ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ)ގެ އައު ފަޔަ ސްޓޭޝަން މިއަދު ހުޅުވައިފި އެވެ.
ވީއައިއޭގެ އާ ފަޔަ ސްޓޭޝަން ހުޅުވައިދެއްވީ ނައިބުރައީސް ހުސައިން މުހައްމަދު ލަތީފެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި އާ ފަޔަ ސްޓޭޝަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް މެޖާ ޖެނެރަލް އިބްރާހީމް ހިލްމީ، އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އަދި އެ ކުންފުނީގެ އިސްބޭފުޅުންނާއި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އެ ރަސްމިއްޔާތު ފެށީ އެމް.އޭ.ސީ.އެލްގެ ކުރީގެ ފަޔާ ޗީފް އަލް މަރުހޫމް އަހުމަދު ފަޔާޒުގެ ހަނދާނުގައި ގެނައި ސުކޫތަކަށް ފަހުގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ފަޔާ ފައިޓަރުން ކުރައްވާ ގައުމީ ހިދުމަތް ފާހަގަކޮށް އެ ބޭފުޅުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ފަޔަ ފައިޓަރުންނަށް ބޭނުންވާ ތަރައްްގީއާއި ވަސީލަތްތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމް.ޑީގެ ވާހަކަފުޅުގައި ފަޔަރ ފައިޓަރުންގެ ޓީމްގެ ޤާބިލްކަމާއި އަލަށް ހުޅުވުނު ފަޔަރ ސްޓޭޝަނާއިއެކު ހާދިސާތަކަށް ރެސްޕޮންޑް ކުރެވޭ ވަގުތާއި ފެންވަރު ރަނގަޅުވެގެންދާނެކަން ފާހަގަ ކުރެއްވިއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މިސަރަޙައްދުގައިވެސް އަންހެން ފަޔަރ ފައިޓަރުން ޚިދުމަތާއި ގުޅުނު ފުރަތަމަ އެއަރޕޯޓްކަން ފާގަކުރައްވައި އެބޭފުޅުންނަށް މަރުހަބާއާއި ޝުކުރު ދެންނެވިއެވެ.
މިއަދު ހުޅުވި އައު ފަޔާ ސްޓޭޝަނުގައި ބޭނުންކުރާނީ ޒަމާނީ ވަސީލަތްތަކެވެ. އެ ސްޓޭޝަނަކީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ)ގެ އެއަރޕޯޓް ފަޔާ އެންޑް ރެސްކިއުގެ ކެޓަގަރީ 9 ގެ އެއަރޕޯޓު ޝަރުތުތައް ފުރިހަމަވެފައިވާ އަދި އޭރޯޑްރޯމް ކެޓަގަރީ 10 ގެ އަލިފާން ނިއްވުމުގެ މިންގަނޑުތަކާ އެއްގޮތަށް ގާއިމްކޮށްފައިވާ ސްޓޭޝަނެއެކެވެ. އެ ސްޓޭޝަން އިމާރާތްކޮށްފައި ވަނީ 2230 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. އެމްއޭސީއެލް އިން ބުނި ގޮތުގައި އެއީ ރަންވޭ، އިރުމަތީ އޭޕްރަން، ވޯޓަރ އޭރޯޑްރޯމްގެ މައި ރެސްޕޮންޑަރެއްގެ ގޮތުގައި މަސައްކަތްކުރާނެ ފެސިލިޓީއެވެ.
އައު ފަޔާ ސްޓޭޝަން ހުޅުވައި ހިދުމަތްދޭން ފެށިނަމަވެސް، ކުރީގައި ބޭނުންކުރި ފަޔާ ސްޓޭޝަންގެ ޙިދުމަތްވެސް ދެމުން ގެންދާނެ ކަަމަށް ވެސް އެކުންފުނިން ބުންޏެވެ. އެގޮތުން ޓެކްސީވޭ އަދި ހުޅަނގުފަރާތު އޭޕްރަން، އަދި އޮފީސް އިމާރާތްތަކުގެ އިމަރޖެންސީގައި ހަރަކާތްތެރިވާނީ ކުރީގެ ފަޔާ ސަޓޭޝަނުގެ ފަޔަަމަނުންނެވެ.
ވީއައިއޭ ބޮޑުކޮށް ހިދުމަތް ރަނގަޅު ކުރުމަށް މިހާރު ކުރިޔަށްދާ މަޝްރުޢޫގެ ދަށުން މިހާތަނަށް އައު ކޯޑް-އެފް ރަންވޭ އަކާއި، އައު ސީޕްލޭން ޓަރމިނަލަކާއި، އައު ކަރގޯ ޓަރމިނަލަކާއި، އައު ވީ.އައި.ޕީ / ސީ.އައި.ޕީ ޓަރމިނަލަކާއި، އައު ފިޔުލް ފާމެއްގެ ހިދުމަތް މިހާރު ވަނީ ދޭން ފަށައިފަ އެވެ.











