ދައުލަތުގެ ޑޮލަރު ރިޒާވުގައި މި ވަގުތު ބޭނުންކުރެވެން ހުރީ 73 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ،
އެމްއެމްއޭގެ އެންމެ ފަހުގެ ރިޒާވު މައުލޫމާތުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ޖުމްލަ ރިޒާވުގައި ހުރީ 485.18 މިލިއަން ޑޮލަރެވެ. މި ފައިސާގެ ތެރެއިން ކަނޑަންޖެހޭ ބައިތައް އުނިކުރުމުން ބާކީ ޖެހެނީ 73 މިލިއަން ޑޮލަރެވެ.
ސަރުކާރުން ރަސްމީ އަދަދެއް ހާމަނުކުރި ނަމަވެސް، އާންމުކޮށް ބަލާ މިންގަނޑަކީ ރާއްޖެއަށް ބޭނުންވާ ތެލާއި، ކާޑާއި، ބޭސް ފަދަ ޒަރޫރީ ބާވަތްތައް އިމްޕޯޓުކުރަން މަހެއްގެ މައްޗަށް 75 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. މި މިންގަނޑުން ބަލާއިރު މި ވަގުތު ރިޒާވުގައި ހުރީ ކިރިޔާ މަސް ދުވަހުގެ ޒަރޫރީ އިމްޕޯޓުތަކަށް ބޭނުންވާ ޑޮލަރެވެ.
ރިޒާވުގެ ހާލަތު މި ހާލަތަށް ވެއްޓުނު ސަބަބުތަކުގެ ތެރޭގައި، ދަރަނި އަދާކުރަން ޖެހުމާއި ދުނިޔޭގެ ބާޒާރުގައި އިންތިހާއަށް ތެލުގެ އަގު މަތިވެގެން ދިޔުމާއި އުމްރާނީ ތަރައްގީއަށް ހިންގާ ޕްރޮޖެކްޓުތަކަށް ބޭނުންވާ މުދާ ގެންނަން ކުރި ހަރަދު އިގުތިސޯދާ ނުބައްދަލު ވަރަކަށް މަތިވެގެން ދިޔުން ފާހަގަކުރެވެ އެވެ.
އެކަމަކު އޭރު ވެސް ބޭނުންކުރެވޭ ރިޒާވު 150 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރާ ދޭތެރޭގައި ހުރިއިރު، މި ވަރަށް ރިޒާވު ވެއްޓުނު ސަބަބުތަކުގެ ތެރޭގައި ނިމުނު އަހަރުގެ ފަހުކޮޅު މި ސަރުކާރުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އަށް ވިއްކާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑަކަށް 50 މިލިއަން ޑޮލަރު ދެއްކުން ހިމެނެ އެވެ.

މިކަން ކުރިއިރު، މި އަހަރުގެ ބަޖެޓަށް މިދިޔަ އަހަރު އެމްއެމްއޭއިން ދިން ލަފާފައި، އަހަރުގެ ކުރީކޮޅު ބަޖެޓު ހަރަދުތައް ހަމަޖައްސަން ބޭނުންވާ ފައިސާގެ ބޮޑު ބަޔެއް ހޯދައިގެން ނޫނީ ބަޖެޓު ތަންފީޒުކުރަން ދަތިވާނެ ކަން ފާހަގަކޮށްފައިވެ އެވެ. އެކަމަކު މިއަދާ ހަމައަށް މިއިން އެއްވެސް ފައިސާއެއް ހަމަނުޖެހެ އެވެ.
ފައިސާ ހަމަނުޖެހޭއިރު، ހަރަދުތައް ކުޑަކުރަން ސަރުކާރުން ހުށަހަޅާފައިވާ ޕްލޭން ތަންފީޒުކުރުން ލަސްވާތީ ވެސް ކަންބޮޑުވުން އެބައޮތެވެ. އެގޮތުން ބަޖެޓުގައި ޖުލައި މަހުން ފެށިގެން ޓާގެޓަޑް ސަބްސިޑީ ނިޒާމަކަށް ބަދަލުކުރާނެ ކަމަށް އޮތް ނަމަވެސް ސަރުކާރުން ވަނީ އެ ސިޔާސަތު އަހަރުގެ ފަހު ކުއާޓަރުގައި ތަންފީޒުކުރަން ފަށާ ގޮތަށް ފަސްކޮށްފަ އެވެ.
ދައުލަތުގެ މާލީ ހާލަތު ދުވަހުންދުވަހަށް ގޯސްވަމުން އަންނަކަން ފާހަގަކޮށް، ބައިނަލްއަގުވާމީ ރޭޓިން އެޖެންސީއެއް ކަމުގައިވާ ފިޗް އިން ވަނީ އިއްޔެ ރާއްޖޭގެ ރޭޓިން "ސީސީސީ+" އަށް ދަށްކޮށްފަ އެވެ. މިއީ ދަރަނި އަދާނުކުރެވުމުގެ ހިރާސް ބޮޑުކަމަށް ބަލައި ދީފައިވާ ރޭޓިން އެެކެވެ.
ފިޗުގެ ރޭޓިން އެކްޝަނާ ގުޅޭގޮތުން ނެރުނު މައުލޫމާތުގައި ބުނީ، ރިޒާވު ދަށްވަމުން ދިޔުމުގެ ސަބަބުން ދަރަނި އަދާކުރަން ގޮންޖެހުންތަކާ ދިމާވެ މިހާރު ޑޮލަރަކަށް ޖެހޭ 15.42ރ. ރޭޓުގައި ހިފަހައްޓަން ސަރުކާރަށް އުނދަގޫ ވާނެ ކަމަށެވެ. މި އަހަރު އެކަނި 409 މިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހެ އެވެ.
ރޭޓިން ދަށްކުރުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި، ރޭޓިން ދަށްކުރީ ސަރުކާރަށް ބޭރުން ފައިސާ ނުލިބުމާއި ބޭނުންކުރަން އަތުގައި ފައިސާ ނެތުމުން ކަމަށް އެއްބަސްވެފައިވެ އެވެ. އަދި، ސަރުކާރުގެ ހަރަދުތައް ކުޑަކޮށް މެދު ރާސްތާގައި ދަރަނި ދެއްކުމަށާއި މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރެވުމުން ރޭޓިން މަތިކުރެވޭނެ ކަމަށް ވެސް ފިނޭންސުން ބުނެފައިވެ އެވެ.
ފިނޭންސުން ބުނި ގޮތަށް ފިޗުން ވެސް، ކުރު މުއްދަތުގެ ތެރޭގައި ސަރުކާރުން ހަރަދުތައް ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން މި އަހަރަށް ހިފަހައްޓާލެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ނަމަވެސް 2025 ގައި 557 މިލިއަން ޑޮލަރު އަދި 2026 ގައި އެއް ބިލިއަން ޑޮލަރު ދައްކަން ޖެހުމުން އަވަސް ހައްލުތަކެއް ނެތި ބޮޑެތި ފިއްތުންތަކެއް ދިމާވެދާނެ ކަަމަށް ފިޗުން ބުންޏެވެ.












