ރައީސް ޑރ. މުހައްމަދު މުއިއްޒު, މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި އިރު ޕީއާރު އަދި މާކެޓިންއަށް 3.8 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަން ހާމަވެއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެދިގެން ސިޓީ ކައުންސިލުން ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މެއި 17, 2021 އިން ނޮވެމްބަރު 17, 2023 ގެ ނިޔަލަށް ޕީއާރު އަދި މާކެޓިންއަށް ހަރަދުކޮށްފައިވާ 3.8 މިލިއަން ރުފިޔާ އަކީ 2022 އަދި 2023 ގައި ހަރަދު ކޮށްފައިވާ ފައިސާ އެވެ.
އެގޮތުން, 2022 ގައި ޕީއާރު އަދި މާކެޓިންއަށް 1,670,022ރ. އަދި 2023 ގައި 2,136,000ރ. ހަރަދު ކޮށްފައިވެ އެވެ.
މި މުއްދަތުގައި ސިޓީ ކައުންސިލުން ވަނީ މީޑިއާއާ ގުޅުންހުރި ކަންކަމުގައި ޖުމްލަ ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުންތަކަށް ބަލާއިރު އެއް މަސައްކަތެއް ކުރުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ. އޭގެ ތެރޭގައި މިހާރު ވެސް ހިނގަމުންދާ އެއްބަސްވުމެއް ވެސް ހިމެނެ އެވެ.
ފޮޓޯގްރަފީ (މިހާރު ވެސް ހިނގަމުންދާ)
- ހަވާލު ކުރި ފަރާތް: އެލީޒް ފޮޓޯގްރަފީ
- އެއްބަސްވުމުގެ އަގު: 300,000 ރުފިޔާ (މަހަކު 25,000 ރުފިޔާ)
- އެއްބަސްވުމުގެ މުއްދަތު: އޮގަސްޓު 1, 2022 އިން ޖުލައި 31, 2023 އަށް
- އެއްބަސްވުން އާކުރި މުއްދަތު: އޮގަސްޓު 1, 2023 އިން ޖުލައި 31, 2025 އަށް
- އާ ކުރި އެއްބަސްވުމުގެ އަގު: 600,000 ރުފިޔާ (މަހަކު 25,000)
މި އެއްބަސްވުމުުގެ ދަށުން އަދާކުރަންޖެހޭ ޒިންމާތަކަކީ, ރައްޔިތުންގެ ބައްދަލުވުންތަކާއި, ކައުންސިލުގެ ރަސްމީ އިވެންޓުތަކާއި ބައްދަލުވުންތަކުގެ ފޮޓޯ ނެގުން, އަތަމަނަ މަޖައްލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން އަދި ކައުންސިލުގެ އޮންލައިން ޕޯޓަލް އާއި ވެބްސައިޓަށް ބޭނުންވާ ފޮޓޯ ތައްޔާރުކޮށް ފޯރުކޮށްދިނުމެވެ.

މި މަސައްކަތް ހަވާލުކޮށްފައިވާ އެލީޒް ފޮޓޯގްރަފީއަކީ މި ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ފޮޓޯގްރާފަރެއްގެ މަގާމުގައި ހުންނެވި އެލީޒް އަލީ މުހައްމަދުގެ ކުންފުންޏެވެ.
އޯޑިއޯ އަދި ވީޑިއޯ ޕްރޮޑަކްޝަން
- ހަވާލު ކުރި ފަރާތް: ޓޮނިކް ލައިވް ސްޓޫޑިއޯ
- އެއްބަސްވުމުގެ އަގު: 1,272,000 ރުފިޔާ (މަހަކު 106,000 ރުފިޔާ)
- އެއްބަސްވުމުގެ މުއްދަތު: ސެޕްޓެމްބަރު 9, 2021 އިން ސެޕްޓެމްބަރު 8, 2022 އަށް
- އެއްބަސްވުން އާކުރި މުއްދަތު: ސެޕްޓެމްބަރު 9, 2022 އިން ސެޕްޓެމްބަރު 8, 2023 އަށް, އަދި
- ސެޕްޓެމްބަރު 9, 2023 އިން ޑިސެމްބަރު, 2023 އަށް
ދެ ފަހަރެއްގެ މަތިން ޓޮނިކް ލައިވް ސްޓޫޑިއޯގެ އެއްބަސްވުން އާކޮށްފައިވާއިރު, އެންމެ ފަހުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެއްބަސްވުމުގެ މުއްދަތު ފަހަނައަޅާ ދިޔަ ފަހުން ބެކް ޑޭޓުގަ އެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވާ ތާރީހަކީ ޑިސެމްބަރު 26, 2023 އެވެ.
މި އެއްބަސްވުމުގެ ދަށުން އަދާކުރަން ޖެހޭ ޒިންމާތައް:
- ކައުންސިލުގެ އިވެންޓުތައް ލައިވްކޮށް ރެކޯޑް ކުރެވޭނެ އިންތިޒާމު ހަމަޖައްސާ, އޯޑިއޯ އަދި ވީޑިއޯ ރެކޯޑް ކުރުން
- ކައުންސިލަށް ބޭނުންވާ ވީޑިއޯ ނަގައި ދިނުން
- ވީޑިއޯ އެޑިޓިން އަދި ގްރެފިކްސް މަސައްކަތް ކޮށްދިނުން
- ފޮޓޯ ނަގައި ދިނުމާއި އެޑިޓްކޮށްދިނުން
- އެނިމޭޝަން ހަދައިދިނުން
- އޭގެ އިތުރުން އޯޑިއޯ ވީޑިއޯ ޕްރޮޑަކްޝަނާއި ގްރެފިކްސްގެ އެންމެހައި މަސައްކަތްތައް ކޮށްދިނުން.
މި އެއްބަސްވުމުގެ އިތުރުން މާލެ ސިޓީ ކައުންސިލް އިދާރާގެ ޕްރެސް ރޫމް އިންފްރާންސްޓްރަކްޗާގެ މަސައްކަތް ވެސް ޓޮނިކް ލައިވް ސްޓޫޑިއޯއާ ހަވާލު ކުރި އެވެ.
- އެއްބަސްވުމުގެ އަގު: 1,378,000ރ.
- އެއްބަސްވުމުގެ މުއްދަތު: އޮކްޓޯބަރު 24, 2021 އިން ފެށިގެން 20 ދުވަސް
ޓޮނިކް ލައިވް ސްޓޫޑިއޯ އަކީ މަޝްހޫރު ލަވަ ކިޔުންތެރިޔާ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ)ގެ ކުންފުންޏެކެވެ.
މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް
- ހަވާލު ކުރި ފަރާތް: އަހުމަދު ފަޒާލް ހުސެއިން
- އެއްބަސްވުމުގެ އަގު: 420,000 ރުފިޔާ (މަހަކު 35,000 ރުފިޔާ)
- އެއްބަސްވުމުގެ މުއްދަތު: ނޮވެމްބަރު 1, 2022 އިން އޮކްޓޯބަރު 31, 2023 އަށް
- އެއްބަސްވުން އާކުރި މުއްދަތު: ނޮވެމްބަރު 1, 2023 އިން އޭޕްރީލް 30, 2024 އަށް
- އާ ކުރި އެއްބަސްވުމުގެ އަގު: 210,000 ރުފިޔާ (މަހަކު 35,000)
މި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މައިގަނޑު މަސައްކަތަކީ މީޑިއާ ހިންގުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް, މީޑިއާގެ އިންތިޒާމުތައް ސްޓްރެޓަޖައިޒްކޮށް އެކަން ހިނގާ ނުހިނގާގޮތް ބަލާ މޮނިޓާ ކުރުން އަދި މީޑިއާ ސްޓާފުންނާ ގުޅިގެން މީޑިއާގެ އެންމެހައި ކަންކަން ކުރުމެވެ.
އޭގެ އިތުރުން, މޭޔަރާއި ކައުންސިލަރުން ޕްރެސްއެއް ބާއްވަން ބޭނުންވެއްޖެ ނަމަ, ކޮންޓެންޓް ލިޔެދިނުމާއި ގައިޑްކޮށްދިނުމަކީ ވެސް މި އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތެކެވެ.
ފަޒާލްއަކީ މިހާރު ވެރިކަމުގައި ހުންނެވި ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު އެ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓުކަން ވެސް ފުރުއްވި ބޭފުޅެކެވެ.
ސްމާޓް ސްޓްރީޓް ލައިޓް ޕޯލުތަކަށް ފައިބާ ކޭބަލް އަޅައިދިނުން
- ހަވާލު ކުރި ފަރާތް: ކްލައިންޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- އެއްބަސްވުމުގެ އަގު: 303,847 ރުފިޔާ
- އެއްބަސްވުމުގެ މުއްދަތު: މާޗް 15, 2023 އިން މާޗް 16, 2023 (ދެ ދުވަސް)
މި މަސައްކަތް ހަވާލުކުރި ކްލައިންޓެކް މޯލްޑިވްސް ކުންފުންޏަކީ ޕީއެންސީގެ ރަޖިސްޓްރާ, މުހައްމަދު އަފޫ ހާމިދުގެ ކުންފުންޏެކެވެ.
ގިނަ އެއްބަސްވުންތަކެއް ހަދައިގެން ސިޓީ ކައުންސިލުގެ ޕީއާރް އަދި މާކެޓިން އަދި މީޑިއާގެ މަސައްކަތްތައް ކޮށްފައިވާއިރު, އެ ކައުންސިލުގައި ޕީއާރް އޮފިސަރުންނާއި, މީޑިއާ އޮފިސަރުން ކޮންޓްރެކްޓް އުސޫލުން ވަޒީފާއަށް ނަގާފައި ތިބެ އެވެ.












