ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޭރުގެ ޗީފް އެގްޒެކިއުޓިވް އޮފިސާ (ސީއީއޯ) އެއް ހޯދަން އިއުލާން ކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ރަސްމީ "އެކްސް" އެކައުންޓުގައި ކޮށްފައިވާ އިއުލާނެއްގައި ވަނީ މިފްކޯއަށް އާ ސީއީއޯގެ މަގާމަށް ބޭރުގެ ފަރާތެއް ކުރިމަތިލާން ފުރުސަތު ހުޅުވާލާފަ އެވެ.
ސީއީއޯ ކަމަށް ޝައުގުވެރިވާ މީހުން ސީވީއާއި ސެޓިފިކެޓުތަކުގެ އިތުރުން ރިފަރެންސް ސިޓީތައް info@pcb.gov.mv އަށް ޖުލައި 15، ގެ މެންދުރު 2:00 ޖެހުމުގެ ކުރިން މެއިލް ކުރުމަށް ޕީސީބީން ވަނީ އެދިފަ އެވެ.
ޕީސީބީން ބުނީ މިފްކޯގެ ސީއީއޯގެ މަގާމަށް ހޮވާނީ ކުރިމަތިލާ މީހުންގެ ތެރެއިން މަގާމަށް އެންމެ ގާބިލު މީހާ ކަމަށެވެ.
މިފްކޯއަށް އާ ސީއީއޯއެއް ހޯދަން އިއުލާން ކޮށްފައި ވަނީ އެ މަގާމުގައި ހުންނެވި އަހްމަދު ޝަމާހުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއެކު މެއި 21، ގައި އޭނާ ވަކި ކުރަން ޕީސީބީން ނިންމުމާ ގުޅިގެންނެވެ. އޭނާ ވަކިކުރީ ދެ ފަހަރެއްގެ މަތިން ސަސްޕެންޑު ކުރުމަށްފަހު އެވެ.

ޝަމާހުއަށް ތުހުމަތުކުރެވުނު މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ ވަޒީފާތަކަށް ގާތް ތިމާގެ މީހުން ނެގުމާއި ކުންފުނީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެ އެވެ. އެކަމަކު މި މައްސަލައިގައި އެސްއޯއީ ކޮމިޓީން ޕީސީބީ ހާޒިރުކޮށްގެން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ޝަމާހު މި ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ.
މިފްކޯ ގެއްލުމުގައި ހިންގަމުން އަންނައިރު، އެ ކުންފުނިން މަސްވެރިން އަތުން ގަންނަ މަހަށް ފައިސާ ނުދޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެގޮތުން އައްޑޫ ސިޓީ މީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިންނަށް ފައިސާ ނުދީގެން މެދުނުކެނޑި މުޒާހަރާ ކުރަމުން އަންނަތާ ވަނީ ހަފްތާއެއް ވެފަ އެވެ.












