އައްޑޫގައި މުޒާހަރާ ކުރަމުންދާ މަސްވެރިންނަށް ސަރުކާރުން ޖަވާބެއް ނުދޭ ނަމަ މަސް ދޯނިތަކާއެކު މާލެއަށް މިސްރާބު ޖަހާނެ ކަމަށާއި މިއަދު ކޫއްޑޫއަށް ދާނެ ކަމަށް މުޒާހަރާ ކުރާ މަސްވެރިން ބުނެފި އެވެ.
އައްޑޫ މީދުގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން ކުރަމުންދާ މުޒާހަރާ ލީޑްކުރާ މަރަދޫ ރަހާ ދޯނީގެ އެން ކެޔޮޅު މުހައްމަދު ޝަމީޒް "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ސަރުކާރުން މިހާތަނަށް މުޒާހަރާއާ ގުޅިގެން އެއްޗެއް ބުނެފައި ނުވާތީ މިއަދު ކޫއްޑޫއަށް މިސްރާބު ޖަހާނެ ކަމަށާއި އެއަށްފަހު ވެސް އެދެވޭ ޖަވާބެއް ނުލިބޭނަމަ އަންނަނީ މާލެއަށް ކަމަށެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 15 އެއްހާ ދޯނި މަސްވެރިންނާއެކު މުޒާހަރާ ކުރަނީ މަސްވެރިން އަތުން މިފްކޯއަށް ގަނެފައިވާ މަހަށް ފައިސާ ދޫކޮށްފައި ނުވާތީ، ފައިސާ ދޫކުރުމަށް ގޮވާލުމުގެ އިތުރުން މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލަ އެވެ.
"މުޒާހަރާއަށް ހަފްތާއެއް ވެގެންދިޔައިރު އެދެވޭ ކަހަލަ ޖަވާބެއް ނުލިބުމުން މިއަދު ބައެއް ދޯނިތައް ކޫއްޑޫއަށް މިސްރާބު ޖަހާނެ. އެއަށްފަހު ވެސް ޖަވާބެއް ނުލިބޭނަމަ މިސްރާބު ޖަހާނީ މާލެއަށް. މިކަމުގައި ރާއްޖޭގެ ހުރިހާ ކަންކޮޅަކުން މަސްވެރިން ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް،" ޝަމީޒް ބުންޏެވެ.
ޝަމީޒް ބުނީ މި މުޒާހަރާ ކުރަމުންދަނީ ހުރިހާ މަސްވެރިންގެ ދިފާއުގައި ކަމަށާއި މިކަމުގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ މަސްވެރިން ބައިވެރިވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ.

"މަސްވެރިން ވެސް މި އަދާ ކުރަނީ ވަޒީފާ. ވަޒީފާ އަދާ ކުރާ އެހެން މީހުންގެ ހައްގުތައް އޮންނަ ގޮތަށް އަޅުގަނޑުމެންގެ ހައްގުތައް ވެސް އޮންނަން ވާނެ. ކުރާ މަސައްކަތަށް އުޖޫރަ ލިބެންވާނެ. އެ ފައިސާތައް އަޅުގަނޑުމެންނަށް ދޫކުރާނެ އުސޫލެއް އަދި ތަރުތީބެއް މަސްވެރިން ބުނަންޖެހޭ،" ޝަމީޒް ބުންޏެވެ.
މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން އިއްޔެ ދ. ކުޑަހުވަދޫގައި އަދި ގދ. މަޑަވެލީގައި ވެސް ވަނީ މުޒާހަރާ ކޮށްފަ އެވެ.
މީގެ އިތުރުން މަސްވެރިންނަށް ފައިސާ ނުދީގެން އަދި ލޭނު އެޅުމާ ދެކޮޅަށް މާލޭގައި ޖޫން 12، ގައި ވެސް ވަނީ މުޒާހަރާއެއް ކޮށްފަ އެވެ. އެ މުޒާހަރާގައި 25 އެއްހާ ދޯނި މާލޭގައި މުޒާހަރާކުރިއިރު، މުޒާހަރާ ހުއްޓާލީ ބައެއް ޑިމާންޑުތައް ސަރުކާރުން ގަބޫލުކުރުމުންނެވެ.













