ސަރުކާރުން ދޭ އިންޒާރަކަށް ނުސިހޭނެ ކަމަށާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން މުޒާހަރާ ކުރަނީ އެ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ސަރުކާރުން ނުދޭތީ ކަމަށް އެ މަސްވެރިން ބުނެފި އެވެ.
އައްޑޫ ހުޅުދޫގައި ހިންގާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އައްޑޫގެ 17 މަސް ދޯންޏާއެކު މުޒާހަރާ ކުރަމުން އަންނަތާ މިއަދަށް ވަނީ ފަސް ދުވަސްވެފަ އެވެ.
އައްޑޫ މަސްވެރިންގެ މުޒާހަރާ ލީޑުކުރާ މަރަދޫ ރަހާ ދޯނީގެ އެން ކެޔޮޅު މުހައްމަދު ޝަމީޒް "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ މަސްވެރިން އިހުތިޖާޖު ކުރަމުން އަންނަނީ ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށާއި ޑިމާންޑާ އެއްގޮތަށް ފައިސާ ނުދެނީސް މުޒާހަރާ ނިންމާނުލާނެ ކަމަަށެވެ.
މަސްވެރިން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތައް ހުއްޓުވާފައިވާއިރު، އާންމު ހާލަތަށް ގެންދިއުމަށް މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކާއި, ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުތަކުން މަސްގަތުން ތިން މަސް ދުވަހަށް ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު މިފްކޯއިން އިއްޔެ ވަނީ ދީފަ އެވެ.
"ކުރީ ޒަމާނުގައި ވަރަށް ހުދުމުހުތާރު ވެރިން ދައްކާ ކަހަލަ ބިރެއް އެ ދެއްކީ. މަސްވެރިންނަށް ސަރުކާރުން ދައްކާ ބިރަކަށް މަސްވެރިން ފަހަތަކަށް ނުޖެހޭނެ. މިއީ ކުރި ހަލާލު މަސައްކަތުގެ ފައިސާ ހޯދުމަށް ކުރާ ކަމެއް. ސަރުކާރުން ބިރު ދައްކަން ވަރަށް ގިނަ ކަންކަން ކޮށްފި. މިކަން ހުއްޓާނީ ސަރުކާރު ޖަވާބުދާރީ ކޮށް ދޭން ޖެހޭ ފައިސާ ހޯދައިގެން،" ޝަމީޒް ބުންޏެވެ.

ޝަމީޒް ބުނީ ސަރުކާރުން ވައުދުވީ މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ މަސްވެރިންނަށް ދޭންކަން ފާހަގަކޮށް ޝަމީޒް ބުނީ އެ 48 ގަޑިއިރު 48 ދުވަހަށް ބަދަލުވެފައިވާ ކަމަށާއި ކުރީ ސަރުކާރުން 25ރ. އަށް މަސް ކިލޯއެއް ވިއްކާތީ އަގުބޮޑުވެގެން ފައިސާ ނުދެވޭ ކަމަށް ބުނެ 20ރ. އަށް އަގުހެޔޮކުރި ފަހުން ފައިސާ ނުލިބޭ ކަމަށެވެ.
އޭގެއިތުރުން, މަސްވެރިން އައްޑޫގައި ކުރާ މުޒާހަރާއާ ގުޅިގެން މިހާތަނަށް ސަރުކާރުގެ އެއްވެސް މީހަކު އެދެވޭ ކަހަލަ ޖަވާބެއް އަދި މުއާމަލާތް ވެސް ކޮށްފައި ނުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރާ ކަމެއް ކަމަށް ޝަމީޒް ބުނި އެވެ.
"މަސްވެރިކަމަކީ ސަރުކާރުން ދެވަނައަށް އެންމެ ފުޅާކޮށް ކުރަމުން އަންނަ ވިޔަފާރި. މީގައި އުސޫލެއް ހަމައެއް އަދި ތަރުތީބެއް އޮންނަން ޖެހޭނެ. މަސް ވިއްކާފައި މަސްވެރިޔާއަށް ނޯވޭ އެ މަހަށް ފައިސާ ލިބޭނެ ކަމުގެ އެއްވެސް އިތުބާރެއް. އެންމެ ބޮޑު ޑިމާންޑަކީ ކޮންމެވެސް ތަރުތީބަކާއި އުސޫލެއް އޮތުން. ފައިސާ ލިބޭނެ ދުވަހެއް މަސްވެރި މީހާއަށް އެނގެން ޖެހޭ،" ޝަމީޒް ބުންޏެވެ.
މި މުޒާހަރާ ހުއްޓާލާނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމުން ކަމަށާއި މުޒާހަރާ ކިތަންމެ ދުވަހެއް ވިޔަސް ހުއްޓާނުލާނެ ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފަ އެވެ.
މަސްވެރިންނަށް ފައިސާ ނުދީގެން އަދި ލޭނު އެޅުމާ ދެކޮޅަށް މާލޭގައި ޖޫން 12، ގައި ވެސް ވަނީ މުޒާހަރާއެއް ކޮށްފަ އެވެ. އެ މުޒާހަރާގައި 25 އެއްހާ ދޯނި މާލޭގައި މުޒާހަރާކުރިއިރު، މުޒާހަރާ ހުއްޓާލީ ބައެއް ޑިމާންޑުތައް ސަރުކާރުން ގަބޫލުކުރުމުނެނެވެ.













