ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުން ދިނުން ބަލައި ނުގަންނަވާން ކަމަށާއި, މަސްވެރިންނަށް އަވަހަށް ފައިސާ ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީ, ޕީއެންސީގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އީދަށް ވީއިރުގައި މަސްވެރިންނަށް ނުދެއްކި ހުރި ފައިސާގެ އަދަދަކީ 90 އެތައް މިލިއަން ރުފިޔާއެއް ކަމަށްވާއިރު, އީދު ބަންދުގެ ކުރިން އެ ފައިސާގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށެވެ.
މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަވަހަށް ދިނުމަށް އިސްކަން ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަސްވެރިންނަށް ނުދީ އޮތް ފައިސާ ދިނުމުގެ މަސައްކަތް އެޖެންޑާގެ އެންމެ ކުރީގައި މިއޮތީ. މި ހަފްތާ ތެރޭގައި ވެސް ކުރާނެ އެންމެ ބޮޑު މަސައްކަތަކީ މިވަގުތު މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވީހާވެސް އަވަަހަކަށް ދައްކާ ހަލާސްކުރުން," ޝިޔާމް ވިދާޅުވި އެވެ.
މަސްވެރިން ކުރަމުންދާ މުޒާހަރާއަށް އަލިއަޅުއްވާލައްވަމުން ޝިޔާމް ވިދާޅުވީ, މަސްވެރިންނަށް ފިލައިގެން ނޫޅޭނެ ކަމަށާއި, އިހުތިޖާޖުތަކަށް އުނދަގޫ ނުކުރައްވާނެ ކަމަށެވެ. އަދި ނުރުހުންތެރިކަން ފާޅުނުކޮށް, އިއިހުތިޖާޖަށް މަރުހަބާ ކިޔާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

"އަޅުގަނޑުމެންނަކީ އިހުތިޖާޖަށް މަރުހަބާ ކިޔާނެ ބައެއް, އެކަމަކު ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖުތަކަށް. ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖުތަކަށް މަރުހަބާ ކިޔަނީ, ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުންދޭ ހިސާބަށް އިހުތިޖާޖުތަކުގައި ދާކަށް އެ ފުރުސަތެއް ނުދޭނެ," ޝިޔާމް ވިދާޅުވި އެވެ.
މުދަލަށް ގެއްލުންދީ, ރައްޔިތުންތަކެއްގެ ހައްގުތަކަށް އަރައިގަންނަ ހިސާބުން, މަސްވެރިން ކަމުގައި ވިޔަސް އަދި އެހެން ބައެއް ކަމަށް ވިޔަސް އެ ފުރުސަތު ނުދެއްވާނެކަަމަށާއި މި ގައުމުގައި ގާނޫނު ތަންފީޒު ކުރެވޭކަން ޔަގީންކުރަން ރައީސް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސްވެރިންނަށް ޝިޔާމް އިލްތިމާސްކުރެއްވީ އިހުތިޖާޖު ހުއްޓާލައި, ދުވަސްތައް ބޭކާރު ނުކޮށް, މަހަށް ނިކުތުމަށެވެ.
މިނިސްޓަރު މިހެން ވިދާޅުވިއިރު, އެ ރަސްމިއްޔާތުގައި ވާހަކަދެއްކެވި އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ މަސްވެރިންގެ އިހުތިޖާޖު ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ މަސްވެރިނަށް ފާޑު ވިދާޅުވެފަ އެވެ.
ޝާހިދު ތުހުމަތުކުރެއްވީ ބުރާސްފަތި ދުވަހުން ފެށިގެން އައްޑޫގައި ކުރަމުންދާ އިހުތިޖާޖަކީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން މަސްވެރިންނަށް ލިބިފައި އޮތަތީ, ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ކުރާ ކަމެއް ކަަމަށެވެ.
"ހިތާމައަކީ މަސްވެރިންނަށް ލިބިދޭ ހައްގުތަކުގެ ބޭނުންކޮށްގެން ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ހިޔާލުފާޅު ކުރުމާއި, އެ ބޭފުޅުންގެ ޝުއޫރުފާޅު ކުރުމުގެ މިނިވަންކަން އޮތަތީވެ އެދިޔަ ގޮތަށް ގޮސް މަސް ފެކްޓަރީގެ ކަރަންޓު ކަނޑާލީ," އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ, މަސް ފެކްޓަރީގައި, މަސް ރައްކާ ކޮށްފައި ހުރި 300 ޓަނުގެ ކޮންޓެއިނާ އާއި އެތަނުގައި ތިބި 40 ހަކަށް ރަށުން ބޭރުގެ މުވައްޒަފުން ނިދާ ކައިބޮއި ހަދާތަނުން ކަރަންޓު ކަނޑައިލުމަކީ އިހުތިޖާޖު ކުރުން ނޫން ކަމަށެވެ.
މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން މަސް ފެކްޓަރީގެ އޮޕަރޭޝަނަށް ހުރަސް އަޅާ, މުވައްޒަފުންގެ އަސާސީ ހައްގުތަކަށް އަރަމުންދާ ކަމަށް ބުނެ, މިފްކޯއިން ވަނީ އެފަދައިން އަމަލުކުރާ ދޯނިތަކުން މަސް ގަތުން ތިން މަސް ދުވަހަށް ސަސްޕެންޑު ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.












