ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި, އިންޑިއާގެ ކަލްޗަރަލް ސެންޓަރު ގުޅިގެން ޔޯގާ ދުވަސް ފާހަގަކޮށްފި އެވެ.
ބައިނަލްއަގްވާމީ 10 ވަނަ ޔޯގާ ދުވަސް ފާހަގަކުރުމަށް މި ހަރަކާތް ބާއްވާފައި ވަނީ މިއަދު އިންޑިއާ ހައިކޮމިޝަނުގަ އެވެ.
"ޔޯގާ ފޯ ސެލްފް އެންޑް ސޮސައިޓީ"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރު މުނޫ މަހަވަރު ވެސް ބައިވެރިވެ ވަޑައިގެންވި އެވެ. އަދި ރާއްޖޭގައި ދިރިއުޅޭ, ޔޯގާއަށް ޝައުގުވެރިވާ ދިވެހިންނާއި އިންޑިއާ ރައްޔިތުން ވެސް ވަނީ ބައިވެރިވެފަ އެވެ.
ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖޫން މަހުގެ 21 ވަނަ ދުވަހެވެ.
މި އަހަރު ޔޯގާ ދުވަސް ކުރިއާލާ ފާހަގަކޮށްފައިވާއިރު, މީގެ ދެ އަހަރު ކުރިން ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަކަށް ހުރަސް އަޅާ, ހަމަނުޖެހުން ހިންގާފައިވެ އެވެ.

އެ ދުވަހު ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅާ ބަޔަކު ހަމަނުޖެހުން ހިންގީ އޭރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވާހަކަ ދައްކަވަން ހުއްޓަ އެވެ. އެ ވަގުތު އިންޑިއާގެ ހައި ކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.
ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.
އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.
މި މައްސަލައިގައި މީހުންތަކެއްގެ މައްޗަށް ދައުވާކުރި ނަމަވެސް ޝަރީއަތްތައް ނުހިނގަ އެވެ.













