މިދިޔަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ހަފްތާއާ ހަމައަށް ސަރުކާރު ހިންގުމަށް ކުރި ހަރަދު ނުވަތަ ރިކަރަންޓު ހަރަަދުތަކާ އަޅައިބަލާއިރު, މިއަހަރުގެ އެ މުއްދަތުގައި ދައުލަތުގެ ބަޖެޓުން ކުރި ހޭދަ 627 މިލިއަން ރުފިޔާއިން އިތުރުވެފައިވާ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ޖޫން ހަޔަކާ ހަމައަށް ދައުލަތުގެ އާމްދަނީ އާއި ހަރަދުތަކުގެ ނަންބަރުތައް ހިމެނޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓު" ޝާއިއުކޮށްފަ އެވެ. އެ ރިޕޯޓަށް ބަލާއިރު ދައުލަތުން ޕްރޮޖެކްޓުތަކަށް ކުރި ހޭދަ ބޮޑުތަނުން ދަށްވެފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
އެ ރިޕޯޓްގައިވާ ގޮތުން މި އަހަރުގެ މި މުއްދަތުގައި ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރީ 2.15 ބިލިޔަން ރުފިޔާ އެެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 5.35 ބިލިޔަން ރުފިޔާ ޕްރޮޖެކްޓުތަކަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވެ އެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.9 ބިލިއަން ރުފިޔާ ހާއްސަކުރި ނަމަވެސް އަހަރު ދެބައިވާން ކައިރިވެފައިވާއިރު އޭގެ ތެރެއިން ޕްރޮޖެކްޓުތަކަށް ހޭދަކުރީ އެންމެ 24 ޕަސެންޓެވެ.
މި ހަރަދުތައް ކުޑަކުރި ނަމަވެސް ދައުލަތް ދުވަހެއް ދުވަހެއް ހިންގުމަށް ހިނގާ ހަރަދު ކަމަށްވާ ރިކަރަންޓު ހަރަދުތައް ވަނީ އިތުރުވެފަ އެވެ.

ފިސްކަލް ރިޕޯޓްތަކުން ފެންނަ ގޮތުގައި މުވައްޒަފުންނަށް ކުރާ ހަރަދު ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. މުވައްޒަފުންނަށް ހިނގާ ހަރަދު މި އަހަރު ވަނީ 11 ޕަސެންޓުން އިތުރުވެފަ އެވެ. ރިކަރަންޓް ހަރަދުވެސް ވޭތުވެދިޔަ އަހަރަށްވުރެ 617 މިލިއަނުން ވަނީ އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ މިމުއްދަތާ އަޅައި ބަލާއިރު ދައުލަތުގެ އާމްދަނީ އަށް 307 މިލިއަން ރުފިޔާ އިތުރުވި އެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އަކީ 15 ބިލިޔަން ރުފިޔާ އެވެ. މިއަހަރު ލިބުނީ 15.4 ބިލިޔަން ރުފިޔާ އެވެ.
އެއީ ޓެކުހުގެ ގޮތުގައި ލިބުނު 12.4 ބިލިއަން ރުފިޔާ އާއި އެނޫން އާމްދަނީގެ ގޮތުގައި ލިބުނު 2.7 ބިލިޔަން ރުފިޔާއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު 156 މިލިއަން ރުފިޔާ ހިމެނޭ ގޮތުންނެެވެ.












