ޓާމިނަލް ކެފޭގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް އިބްރާހިމް (ނަޑޭ) މަރައިލި މައްސަލާގައި ތުހުމަތުވާ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ބަންދު ކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
މަފާޒުގެ މައްޗަށް ކުރަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށް އުފުލި އެވެ.
އެ ހަތަރު މީހުންގެ މައްޗަށް ވެސް ކްރިމިނަލް ކޯޓުގައި ކުށް ސާބިތު ނުވާ ކަމަށް އެ ކޯޓުން ހުކުމްކުރީ ނޮވެމްބަރު 14, 2022 އެވެ. އޭގެ ފަހުގައި އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ދައުލަތުން އެދުނީ އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން މަފާޒު ބަންދުގައި ބެހެއްޓުމަށެވެ.
ދައުލަތުން އެދުނު ގޮތަށް ހައި ކޯޓުން މިއަދު އޭނާ ބަންދު ކުރުމަށް އަމުރުކުރީ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ އެ ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން މަޒީދާއި، ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ހައި ކޯޓުން ނެރުނު އަމުރުގައި މަފާޒު ބަންދުން ދޫވި ފަހުން ތިން ފަހަރު މަތިން ހައްޔަރުކުރި ކަން ފާހަގަކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރުކުރި އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފުލުހުންނަށް ހުރަސް އަޅައި މުދަލަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެވެ. މިދިޔަ އަހަރު ޖޫނުގައި ތޫނު އެއްޗެއް ހިފައިގެން އުޅެނިކޮށް ހައްޔަރުކުރި އެވެ.
އޭގެ އިތުރުން މިހާރު ވެސް އެހެން ބައެއް މައްސަލަތަކުގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި ކްރިމިނަލް ކޯޓުގައި އެ މައްސަލަތައް ހިނގަމުން އެބަ ދެ އެވެ. އޭގެ ތެރޭގައި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއަކާއި ރުހުމެއް ނެތި ގައިގައި އަތްލުމުގެ ދެ ދައުވާއަކާއި ގާނޫނު ތަންފީޒު ކުރަން ހުރަސް އެޅުމުގެ ދައުވާއެއް ހިމެނެ އެވެ.
މަފާޒުގެ އިތުރުން އަލީ ނިފާޒް ވެސް އިސްތިއުނާފު ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރެއް ހައި ކޯޓުން ނެރެދީފައިވެ އެވެ.
ދެން ހިމެނޭ ޝާމިން އަދި ކަރަމް ސުހައިލް ބަންދު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމި އެވެ. އެ ގޮތަށް ނިންމުމުގައި ކޮންމެ މީހެއްގެ މައްޗަށް ކުރާ ތުހުމަތާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކުގެ ނިސްބަތާއި ކުށުގެ ރެކޯޑަށް ވަކިވަކިން ބަލާފައިވާނެ ކަމަށް ހައި ކޯޓުގެ ކުރީގެ ނިންމުމުގައިވެ އެވެ.
ޓާމިނަލް ކެފޭ ތެރޭގައި ނަދީމް އިންދައި، މޫނު ނިވާކޮށްގެން ވަން ބަޔަކު އޭނާގެ ބޮލަށް ވަޅިން ހަމަލާދިނީ ޖުލައި 27، 2017 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު އެވެ. އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުން އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން ހިންގި ކުށަކަށް ވާއިރު، އެ މީހުންގެ މޫނު ފެނުނު ކަމަށް ހެކިބަސް ދިނީ ދައުލަތުން ހުށަހެޅި އެންމެ ދެ ހެކިންނެވެ. ސިއްރު ހެކިންގެ ގޮތުގައި ނެގި އެ ދެ ހެކިން ވަނީ ފަހުން އެ މީހުންގެ ހެކިބަސް އަނބުރާ ގެންދިޔުމަށް އެދި ޝަރީއަތަށް ސިޓީއެއް ފޮނުވައިފަ އެވެ.
ކްރިމިނަލް ކޯޓުގައި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅީ އެ ކަމުގެ މައްޗަށް ބިނާކޮށްފަ އެވެ.













