ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދައްކަމުންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ފައިސާ ނުދެއްކި، ފުނިޖެހިފައިވާ ބިލުތަކުގެ ޖުމުލަ 80 މިލިއަން ރުފިޔާއާ ގާތްވެއްޖެ އެވެ.
އިތުބާރު ހުރި މަސްދަރަކުން "އަދަދު" އަށް އެނގިފައިވާ ގޮތުގައި މިފްކޯއިން މަސްވެރިންނަށް އެންމެ ފަހުން ފައިސާ ދޫކޮށްފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ. އޭގެ ފަހުން ފައިސާ ދޫނުކުރެވި، މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މިހާރު ވަނީ 80 މިލިޔަނާ ގާތްވެފަ އެވެ. ފައިސާ ދޫކުރުމުގައި މިފްކޯއަށް ދަތިތަކާ ކުރިމަތިވީ ސަރުކާރުން ސަބްސިޑީގެ ގޮތުގައި އެކުންފުންޏަށް ދޭން ޖެހޭ ފައިސާ ލިބުން ލަސްވާތީ އެވެ.
ބޮޑު އީދު ހަފުތާއަކަށް ވުރެ ކުޑަތަންވެފައިވާއިރު ވެސް މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާ ދިޔުމާ ގުޅިގެން މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން މިފްކޯގެ މީޑިއާ އޮފިޝަލް، އިބްރާހިމް ސައީދު (ކޭޑު) "އަދަދު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވީހައިވެސް އަވަހަކަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ފައިސާ ވީހައިވެސް އަވަހަކަށް ދިނުމުގެ މަސައްކަތް ކުރަމުން ދަނީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފްކޯއަށް ފައިސާ ލިބުމުގައި ވެސް ދަތިތަކެއް ހުރި ކަމަށާއި އެކަންކަން ހައްލު ކުރުމަށް ވެސް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާ ނިޒާމެއް ގާއިމު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ލިބޭ ނިޒާމު ގާއިމުކުރާނަމޭ. އަޅުގަނޑަކީ ވައުދުވާ ގޮތަށް ކަން ކުރާނެ މީހެއް. ޓާގެޓަށް ދާން ކުރާ މަސައްކަތް މިކުރަނީ. އެ ޓާގެޓަށް ދާނަން," ރައީސް ވިދާޅުވި އެވެ.
ރައީސްގެ އެ ވައުދާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި ފައިސާ ނުލިބޭކަމުގެ ޝަކުވާ މަސްވެރިން ދަނީ ކުރަމުންނެވެ.
ފިޝަރީޒް މިނިސްޓްރީން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހޯދުމަށް މިފްކޯއާއި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި "މާލީ ގޮތުން ނޭވާ ލާނެ ގޮތްތައް" ހޯދަން ފިނޭންސް މިނިސްޓަރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެބަ ފެނޭ އޭގައި އަލި މަގެއް ލިބޭނެކަން. ލިބިއްޖެ ކަމަށް ވަންޏާމު މިފްކޯއަށް ވެސް ހަމަ އެ ލުއި ލިބިގެން އެ ދިޔައީ. މިފްކޯއަށް ދައުލަތުން ދޭންޖެހޭ ސަބްސިޑީ ދިނުމުގައި ވެސް ތަންކޮޅެއް ފަސޭހަ ވެގެންދާނެ. އޭރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވެސް ދިނުމުގައި ތަންކޮޅެއް ފަސޭހަ ވެގެންދާނެ،" މިނިސްޓަރު އެދުވަހު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު މިހައިތަނަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ވެސް ޝިޔާމް އެދުވަހު ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސް ގަންނަމުންދިޔަ އަގަކީ ކިލޯއަކަށް 25ރ. އެވެ. އޭގެ ސަބަބުން މަސްވެރިންނަށް ފައިސާ ދިނުމަށް ދަތިތަކާ ދިމާވެ ފައިސާ ދިނުން ލަސްވުމުގެ ސަބަބުން މަސްވެރިން އިހުތިޖާޖު ވެސް ކުރި އެވެ.
ފެބްރުއަރީގެ ތެރޭގައި ކޫއްޑޫގެ އޮޕަރޭޝަންތައް ވެސް މަަސްވެރިންގެ މުޒާހަރާގެ ތެރެއިން އެމީހުންގެ ބެލުމުގެ ދަށަށް ގެނަ އެވެ. އެ މުޒާހަރާ ނިމުމަކަށް ގެނައީ ދޭން ޖެހޭ ފައިސާގެ ތެރެއިން ބޮޑު އިންސައްތައެއް ޖަމާކުރުމުންނެވެ.
މި ސަރުކާރުން ވަނީ ފެބްރުއަރީ 12، 2024 އިން ފެށިގެން މަހުގެ އަގު 20ރ. އަށް ވެސް ކުޑަކޮށްފަ އެވެ.













