އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުމަކީ "ހާރިޖީ ސިޔާސަތުގެ ހަރުދަނާކަން" ކަމުގެ ގޮތުގައި ރައްޔިތުންގެ ރައީސް އަބްދުއްރަހީމް އަބްދުالله ސިފަކުރައްވައިފި އެވެ.
ތިންވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ މޯދީ ކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިންޑިއާއަށް ވަޑައިގެންނެވި އެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް އެ ގައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތިޔަ ސާބިތުކޮށްދެއްވީ މަނިކުފާނުގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަން. ޝުކުރިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު," އަބްދުއްރަހީމް އެކްސްގައި ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ގޯސްވި އެވެ. ރައީސް ވެރިކަމަށް ވަޑައިގެންނެވީ ވެސް ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ގައުމުން ބާލާނެ ކަމުގެ ވައުދާއެކު އެވެ.
އިންޑިއާގެ ބަދަލުގައި ރައީސް މުއިއްޒު ދަނީ ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. އެމަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރު ވެސް ކުރެއްވީ ޗައިނާއަށެވެ. އެ ދަތުރަށްފަހު ރައީސް ވަނީ އިންޑިއާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ވެސް ދީފަ އެވެ.

ނަމަވެސް, ރައީސް އިންޑިއާއަށް ވަޑައިގަތުމާ އެކު ދެ ގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ފިލައި ގުޅުން ބަދަހި ކުރުމަށް މިހާރު ވަނީ ފުރުސަތުތަކެއް ފަހިވެފަ އެވެ. ވެރިކަމަށް ވަޑައިގަތުމަށް އިންޑިއާއާ ދެކޮޅު ކެމްޕޭނެއް ކުރެއްވުމަށް ފަހު މިހާރު ސަރުކާރުގެ ރާގު ވަނީ އެއްކޮށް ބަދަލުވެފަ އެވެ.













