އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރައްވާ ރަސްމިއްޔާތަށް ވަޑައިގަންނަވަން މޯދީ ފޮނުއްވި ދައުވަތު ގަބޫލުކުރައްވައި، ދެގައުމުގެ ގުޅުން މިހާރު ދަނީ ހެޔޮ މިސްރާބަކަށް ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މޯދީގެ ދައުވަތު ގަބޫލުކުރެއްވިކަން ހާމަކޮށް ރައީސް އޮފީހުގެ ވެބްސައިޓްގައި ޖެހި ހަބަރުގައި ބުނީ އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތައިގެން، ރާއްޖޭގައި ހުންނަވާ އެގައުމުގެ ސަފީރު މުނޫ މަހާވަރު ރައީސް އޮފީހަށް ވަޑައިގެން ރައީސާ ބައްދަލުކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ސަފީރު ވިދާޅުވީ ހުވާކުރައްވާ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބޮޑުވަޒީރު އުއްމީދުކުރައްވާ ކަމަށެވެ.
ރައީސް އޮފީހުގެ ހަބަރުގައިވާ ގޮތުން އެ ދައުވަތު ގަބޫލުކުރައްވައި، ދައުވަތު ދެއްވީތީ ސަފީރަށް، ރައީސް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ބޮޑުވަޒީރު މޯދީއާ އެކު މަސައްކަތްކުރައްވަން އުއްމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"...ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރަން ބޮޑުވަޒީރު [މޯދީ] އާ އެކު މަސަައްކަތް ކުރައްވަން އުއްމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި. ރާއްޖެ-އިންޑިއާ ގުޅުން މިހާރު ހުރީ ފަހި މިސްރާބުގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިފަހަރުގެ ޒިޔާރަތުގައި އެކަން ފެންނާނެ ކަމަށް،" ރައީސް އޮފީހުގެ ހަބަރުގައި ބުންޏެވެ.
ރައީސް މުއިއްޒު ވެރިކަމަށް ފުރަތަމަ ވަޑައިގެންނެވުމާ އެކު ރާއްޖެއާ އިންޑިއާގެ ގުޅުން ކޮންމެވެސް ވަރަކަށް ގޯސްވި އެވެ. ގުޅުން ގޯސްވި އެއް ސަބަަބަކީ ރައީސް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު އެނބުރި ވަޑައިގެން، ބައްދަލުކުރައްވައި އިއްވެވި ބަޔާނުގައި ނުސީދާ ގޮތެއްގައި އިންޑިއާއަށް ދެއްވި ވަރުގަަދަ ބަހުގެ ހަމަލާތަކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު އިންޑިއާއަށް ނިސްބަތް ކުރައްވައި އޭރު ވިދާޅުވީ ރާއްޖެއަކީ "ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން" ކަމަށެވެ.
"އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް. އެހެންވީމާ މި ޓެރިޓޯރިއަލް އިންޓަގްރިޓީ އަސާސްއަކީ ޗައިނާއިން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އިހުތިރާމް އަދާ ކުރާ އަސާސެއް،" ރައީސް މުއިއްޒު އެ ދުވަހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށާއި ރާއްޖޭގެ ހިއްސާ ވެސް މި ކަނޑުގައި ބޮޑު ކަމަށެވެ.
"އަޅުގަނޑުމެންނަކީ މި ކަނޑުގައި ރަށްތަކުގެ ސައިޒު ކިތަންމެ ކުޑަޔަސް، އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން ވަރަށް ބޮޑު ނުވަ ލައްކަ އަކަ ކިލޯމީޓަރުގެ ބޮޑު ގައުމެއް. މި ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް އެއް ގައުމަކަށް ވާނެ ދިވެހިރާއްޖެ. ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ،" ރައީސް އޭރު ވިދާޅުވި އެވެ.
ސީދާ އިންޑިއާގެ ނަން ވިދާޅުނުވެ ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގައި "އެއް ގޮނޑިން ތެދުވެ، އަނެއް ގޮނޑީގައި އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން" ކަމަށެވެ. އަދި ވިދާޅުވީ "އަޅުގަނޑުމެންގެ އަމިއްލަ ފައިމައްޗަށް ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުމެއް ނެތި" ކަމަށެވެ.












