ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި އެވެ.
އިންޑިއާ ސަރުކާރުން ރަސްމީކޮށް އެމަނިކުފާނަށް އެރުވި ދައުވަތު ގަބޫލުކުރައްވާފައިވާކަން "އަދަދު" ނޫހަށް ވަނީ ޔަގީން ކުރެވިފަ އެވެ.
ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅުން އާންމު ގޮތެއްގައި ވެރިކަމުގެ ކުރީކޮޅު އިންޑިއާއަށް ރަސްމީ ދަތުރު ކުރެއްވި ނަމަވެސް މިހާތަނަށް އައިއިރު އެފަދަ ދަތުރެއް ރައީސް މުއިއްޒު ކުރައްވާފައި ނުވެ އެވެ. މިއީ އެމަނިކުފާނު އިންޑިއާއަށް ރަސްމީ ހައިސިއްޔަތެއްގައި ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
މޯދީ ތިންވަނަ ދައުރެއް ކަށަވަރުކުރެއްވުމާއެކު އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވި ލީޑަރުންގެ ތެރޭގައި ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ ދެގައުމުގެ ހަމަޖެހުމާއި ތަރައްގީއާއި ހަމަޖެހުމަށް އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.
މޯދީ ތިން ވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައި ވަނީ އާދީއްތަ ދުވަހު ނިއު ދިއްލީގަ އެވެ.

އެ ރަސްމިއްޔާތަށް ވަޑައިގަންނަވާ ގައުމުތަކުގެ ލީޑަރުންގެ ތެރޭގައި ރައީސް މުއިއްޒުގެ އިތުރުން، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ، ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލް، ބޫޓާނުގެ ބޮޑުވަޒީރު ޝެރިންގް ޓޮބްގޭ، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖުގްނައުތު އަދި ސީޝެލްސްގެ ރައީސް ވޭވެލް ރަމްކަލާވާން ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.
ބޮޑުވަޒީރުކަމުގެ ހުވާ ފުރަތަމަ ދައުރުގައި މޯދީ ކުރެއްވިއިރު އެ ރަސްމިއްޔާތުގައި އޭރުގެ ރައީސް އަބްދުالله ޔާމީން ބައިވެރިވެވަޑައިގެންނެވި އެވެ. ނިމިދިޔަ ދައުރުގައި ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 2018 ގައި މޯދީ ރާއްޖެ ވަޑައިގެންނެވި އެވެ.













