ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މެއި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު އެންޑް ޓްރޭޑަށް 34 ސިޔާސީ މުވައްޒަފުން އައްޔަނު ކުރައްވާފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ވަނީ ނޮވެމްބަރު 17, 2023 އިން މެއި 1, 2024 އާ ހަމައަށް އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އެދިފަ އެވެ.
ގައުމިއްޔަތު މިނިސްޓްރީން ވަނީ އެ މުއްދަތުގައި އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ ތަފުސީލު ދީފަ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ލިބޭ މުސާރަ
- އެއް މިނިސްޓަރު - 58,500ރ.
- ފަސް ސްޓޭޓް މިނިސްޓަރުން - މީހަކަށް 43,500ރ
- 10 ޑެޕިއުޓީ މިނިސްޓަރުން - މީހަކަށް 31,500ރ.
- ނުވަ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 25,500
މި މައުލޫމާތަށް ބަލާއިރު އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 1,023,000 ރ. (އެއް މިލިއަން ތޭވީސް ހާސް ރުފިޔާ) ހޭދަވެ އެވެ. އެއީ، އަހަރެއްގެ މައްޗަށް 12،276،000ރ. (ބާރަ މިލިއަން ދެ ލައްކަ ހަތްދިހަ ހަ ހާސް ރުފިޔާ) އެވެ.
ރައީސް މުއިއްޒުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އެ އަދަދު 61 މިލިއަން ރުފިޔާ ފަހަނައަޅައި ދާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ މީގެ ކުރިން ދޫކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައި އެ މިނިސްޓްރީއަށް ޖުމުލަ އައްޔަނުކުރީ 12 ސިޔާސީ މުވައްޒަފުންނެވެ. އެ މިނިސްޓްރީގައި ތިބި ސިޔާސީ މީހުންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް ތިން ގުނަ އިތުރުވެފަ އެވެ.
މި ސަރުކާރު ވެރިކަމަށް އައީ ސިޔާސި މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވައުދުވަމުންނެވެ. އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި މި އަަދަދު މިހާރު 2,000 އާ ގާތްކުރާނެ އެވެ.
ވަކިވަކި މިނިސްޓްރީތަކުން އާރުޓީއައިއަށް ޖަވާބު ދެމުން ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރި ނަމަވެސް ހުރިހާ މިނިސްޓްރީތަކުން އެ މައުލޫމާތު ނުލިބޭތީ އެ އަދަދު ކަށަވަރު ކުރެވިފައި ނުވެ އެވެ.











