ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހީން ތިބިކަން ސާބިތުކޮށްދިނުމަށްޓަކައި، "ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ހިނގާލުމެއް މުޅި ރައްޖޭގައި ބޭއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
މިއަދު އޮތް ވަޒީރުންގެ މަޖިލީހުގައި ނިންމި ނިންމުންތަކުގެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ކުރު ނޫސްވެރިންގެ ބައްދަލުވުގައި ހޯމް މިނިސްޓަރު، އިހުސާން އަލީ ވިދާޅުވީ މިއަދުގެ މަޖިލީހުގައި މަޝްވަރާ ކުރެވުނީ ފަލަސްތީނާ ގުޅުންހުރި ކަންތައްތަކުގައި ރާއްޖެއިން ކުރިއަށް އޮތް ތަނުގައި އަމަލު ކުރަން ފެންނަ ގޮތްތަކާ ބެހޭ ގޮތުން ކަމަށެވެ.
އެގޮތުން އިޒްރޭލު ޕާސްޕޯޓުގައި އެއްވެސް މީހަކަށް ރާއްޖެ އެތެރެ ނުވެވޭ ގޮތް ހެދުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ފަލަސްތީނުގެ ރައްޔިތުން ދިވެހިންގެ ފަރާތުން ބޭނުންވަނީ ކޮންކަމެއްތޯ ބެލުމަށް މަޝްވަރާ ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ފަންޑު ރެއިޒް ކުރުމާއި ރާއްޖެއިން އިސްނަގައިގެން ފަލަސްތީނު މައްސަލައަށް ހައްލެއް ހޯދުމަށް އިސްލާމީ ގައުމުތަކާއެކު މަޝްވަރާ ކުރުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމި ކަމަށް ވެސް އިހުސާނު ވިދާޅުވި އެވެ.
"އޭގެއިތުރުން ފަލަސްތީނާއެކު ދިވެހިން މިނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ވެސް [ވަނީ] ނިންމަވައިފަ،" އިހުސާން ވިދާޅުވި އެވެ.
އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމިއިރު، އިދިކޮޅު އެމްޑީޕީގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ވަނީ އިޒްރޭލު ޕާސްޕޯޓު އޮންނަ ފަރާތްތަކަށް ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް ހެދުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފަ އެވެ.

އިހުސާން މިއަދު ވިދާޅުވީ މީކާއިލް ހުށަހަޅާފައި އޮތް ބިލަށް ތާއީދު ކުރުމާއި ނުކުރުމަށް ނިންމާނީ އެ ބިލު ދިރާސާ ކުރުމަށްފަހު ކަމަށެވެ. ފަހަރުގައި އިތުރު ބިލެއް ހުށަނާޅައި އެމްޑީޕީން ހުށަހަޅައިފައި އޮތް ބިލަށް ތާއީދު ކުރުން ވެސް އެކަށީގެންވާ ކަމަށް އިހުސާން ވިދާޅުވި އެވެ.












