ހަތަރު ވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އުތުރު އެމެރިކާގެ ކެރީބިއަންގައި އޮންނަ އެންޓީގާ އެންޑް ބާބިއުޑާއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.
އެމަނިކުފާނަށް އެއާޕޯޓުން މަރުހަބާ ދެންނެވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި, ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އާއި ސަރުކާރުގެ އިސްވެރިންނެވެ. މިއީ މަޖިލިސް ރައީސް ކަމާ އަބްދުއްރަހީމް ހަވާލުވެވަޑައިގެންނެވި ފަހުން ރައީސްއާ ބައްދަލުވި ފުރަތަމަ ފަހަރެވެ. މަޖިލިސް ހުވާ ކުރިއިރު އެމަނިކުފާނު ހުންނެވީ އެންޓީގާގަ އެވެ.
ސިޑްސް ކޮންފަރެންސްގެ ރިޔާސަތު ބެލެހެއްޓެވުމުގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ. ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވައުދު ވެފައިވާ ގޮތަށް ކަންކަން ކުރިއަށް ގެންގޮސްދެއްވުމަށް އެމަނިކުފާނު ކުރެއްވި ތަގުރީރުގައި އެދިވަޑައިގެންނެވި އެވެ.
މި ކޮންފަރެންސްގެ އެކި ބައިތަކުގައި ރައީސް ތަގުރީރު ކުރެއްވިއިރު ހަވާސާގައި ބޭއްވި އިވެންޓުތަކުގައި ވެސް ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި, ގައުމުތަކުގެ ލީޑަރުންނާ ވެސް ބައްދަލުކުރެއްވި އެވެ.
ކުދި ޖަޒީރާ ގައުމުތަކުގެ ފުރަތަމަ ކޮންފަރެންސް 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށްފަހު ރާއްޖެއިން ވަނީ ކުދި ޖަޒީރާ ގައުމުތައް އެކުލެވޭ ޖަމާއަތެއް އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން, ރަސްމީކޮށް ފުރަތަމަ ސިޑްސްގެ ކޮންފަރެންސް ބޭއްވީ 1994 ގަ އެވެ. އެއަށްފަހު 2005 އަދި 2014 ގައި ވެސް ބޭއްވި އެވެ. މި ކޮންފަރެންސްގައި އދ. ގެ 37 ގައުމުން ބައިވެރިވި އެވެ.












