ބީއެމްއެލް ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާ ތިން ޑިރެކްޓަރުންގެ ދެ ޑިރެކްޓަރެއްގެ މަގާމު އަންނަ މަހު ހުސްވާތީ އާންމު ހިއްސާދާރުންގެ ތެރެއިން އެ ދެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ރޭ ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްގެ އާންމު ހިއްސާދާރުން ވަނީ ތިން ބޭފުޅުން އިންތިހާބު ކުރައްވައިފަ އެވެ. އޭގެތެރެއިން ދެ ޑިރެކްޓަރުންގެ ކިބައިގައި ފުރިހަމަވާންޖެހޭ އެމްއެމްއޭގެ ރެގިއުލޭޝަން އޮން ކޯޕަރޭޓް ގަވާނެންސް ފޯ ބޭންކްސް، އިންޝުއަރެންސް ކޮމްޕެނީސް އެންޑް ފައިނޭސް ކޮމްޕެނީސް ގެ ފަސް ވަނަ މާއްދާގެ (ނ) ގެ އަށެއްގައި ބަޔާންކޮށްފައިވާ އިންޑިޕެންޑެންޓް ޑިރެކްޓަރުންގެ ޓާމްގެ މުއްދަތު 21 ޖުލައި 2024 ގައި ހަމަވާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އެހެންކަމުން އެ ދެ މަގާމު އެ ތާރީހުން ފެށިގެން ހުސްވާނެ އެވެ.
ބީއެމްއެލުން ބުނީ އެ ކުންފުނި ހިންގާ ގަވާއިދުގައި ވާގޮތުގެ މަތީން ޑިރެކްޓަރުންގެ ތެރެއިން ހުސްވާ ދެ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމާއިއެކު އެއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިއަދުން ފެށިގެން ޖޫން 9، ގެ މެންދުރު 2:00 ގެ ނިޔަލަށް ބީއެމްއެލް ހެޑު އޮފީހުގެ ހަވަނަ ފަންގިފިލާއިން ބަލައިގަންނާނެ ކަމަށެވެ.
މަގާމަށް އެދި ހުށަހަޅާ ފޯމު އީމެއިލް މެދުވެރިކޮށް ބީއެމްއެލްގެ ސެކްރެޓަރީއަށް އީމެއިލުން ވެސް ފޮނުވޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.












