ކުރިއަށް އޮތް ތިން ދުވަހަކީ ހުޅަނގު މޫސުމުގެ ބާރު އަނެއްކާވެސް ގަދަވެ، މުޅި ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަކުރާނެ ތިން ދުވަސް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.
ހުކުރު ދުވަހާ ހަމައަށް މޫސުން ލަފާކޮށް މެޓުން މިއަދު އާންމުކުރި މައުލޫމާތުގަައިވާ ގޮތުން، ކުރިއަށް އޮތް ތިން ދުވަހުވެސް މުޅި ރާއްޖެއަށް ގަދަވެ، ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ވަރަށް ގަދަވާނެ އެެވެ.
މެޓުން ބުނީ މި ތިން ދުވަހު އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާ ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ހަމައަށް ވައިޖެހޭނެ ކަމަށެވެ.
ބޮޑު ދިޔާގައި ބައެއް ރަށް ރަށަށް އުދައިގެ އަސަރުކުރުންވެސް އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
"ވީމާ ހުރިހައި ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކުރަން، އަދި، ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައް ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ އެންމެހައި ނުރައްކާ ތަކުން ސަލާމަތްބުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުއްވުމަށް ދަންނަވަން،" މެޓުން ބުނެފައިވެ އެވެ.

މިދިޔަ ތިން ހަފުތާގައިވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވެ މުޅި ރާއްޖެއަށް ވިއްސާރަކުރި އެވެ. މޫސުން ގޯސްވުމާ ގުޅިގެން ކަނޑު އަދި ވައިގެ ދަތުރުތަކަށްވެސް ވަނީ ބުރޫއަރާފަ އެވެ. އެގޮތުން ކޮންމެ ކުރަން ޖެހިގެން ނޫނީ ކަނޑު ދަތުރު ނުކުރުމަށާއި ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށްވެސް މެއި 22، ގައި ފުލުހުން އިންޒާރުދިނެވެ.













