ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރި އިންޑިއާގެ މަސް ބޯޓެއް 4.2 މިލިއަން ރުފިޔާއިން ކުރި ޖޫރިމަނާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައާފުކޮށްދީ، އެ ބޯޓު ފުރުވާލި މައްސަލައިގައި ސަރުކާރުގެ ޖަވާބެއް ނުލިބުނެވެ.
އިންޑިއާގެ މަސް ބޯޓު "ހޮލީ ސްޕިރިޓް" އޮޕަރޭޓު ކުރި އެންތަނީ ޖަޔަބަލަން، މިނިސްޓްރީ އޮފް ފިޝަރީޒް އިން ޖޫރިމަނާ ކުރީ 4،200،000 މިލިއަން ރުފިޔާއިންނެވެ. އެ ބޯޓުގެ ޖޫރިމަނާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައާފު ކުރީ މާޗް 10، 2024 ގަ އެވެ. އޭގެ ހަތް ދުވަސް ފަހުން ބޯޓު ވަނީ ރާއްޖެއިން ފުރައިފަ އެވެ.
އެ ބޯޓަށް މައާފުކުރުމަކީ ގާނޫނީ ގޮތުން ރައީސް އޮފީހަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ގާނޫނީ ވަކީލުން ބުނެ އެވެ. މަސް ބޯއްޓުގެ ޖޫރިމަނާ މައާފުކުރުމުގެ ބާރު އެންމެ ފުރަތަމަ ލިބިގެން ވަނީ ފިޝަރީޒް މިނިސްޓްރީ އަށް ކަމަށް ބައެއް ތަޖުރިބާކާރުން ބުނެ އެވެ.
މަސް ބޯޓުގެ ޖޫރިމަނާ މައާފު ކުރީ ކީއްވެތޯ އެހުމުން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކަމަށް އެއްވެސް ޖަވާބެއް ނުދެއްވަ އެވެ. ޖަވާބެއް ހޯދަން މި ނޫހުން ތިން ދުވަހުގެ މަތިން މަސައްކަތް ކުރީމެވެ.

އިންޑިއާގެ މަސް ބޯޓު ކޯސްޓު ގާޑުން އަތުލައިގަތީ އޮކްޓޯބަރު 22، 2023، ގަ އެވެ. އަދި އެ ބޯޓު 4.2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ އޮކްޓޯބަރު 28، 2023، ގަ އެވެ. އެ ޖޫރިމަނާ މައާފު ކުރަން ބޯޓު އޮޕަރޭޓު ކުރި ފަރާތުން އެދުނެވެ. ނަމަވެސް ކުރީގެ ސަރުކާރުން ނިންމީ ޖޫރިމަނާ މައާފު ނުކުރުމަށެވެ.
އެ މައްސަލައިގައި ފައިސާ ހޯދަން ފިޝަރީޒް މިނިސްޓްރީން އޮތީ ސިވިލް ކޯޓުގައި ދައުވާއެއް ވެސް އުފުލައިފަ އެވެ. ނަމަވެސް ރައީސް އޮފީހުން އެ ޖޫރިމަނާ މައާފުކޮށް ބޯޓު ފުރުވާލުމުން، ދައުވާ އަނބުރާ ގެންދިޔުމަށް މިނިސްޓްރީން ކޯޓުގައި އެދުނެވެ. ކޯޓުން ވަނީ އެދުނު ގޮތަށް އެ ދައުވާ ކޯޓުން ބޭރުކޮށްލައިފަ އެވެ.













