ދިވެހި ކަނޑުމަހާއި އޭގެ އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ވިޔަފާރިތައް ގެންނަން، ބޭރުގެ އިންވެސްޓަރުންނަށް އަބަދުވެސް މިފްކޯއިން މަރުހަބާ ކިޔާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އަހުމަދު ޝަމާހު ވިދާޅުވެއްޖެ އެވެ.
ތައިލޭންޑުގެ ބެންކޮކްގައި ކުރިއަށްދާ 18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކޭނަރީ އާއި، މަސް ރައްކާކުރާ ވަސީލަތްތަކާއި، މަސްކިރާ ބޯޓުފަހަރުތަކަށް ވެސް އިންވެސްޓް ކުރުމަށް ވެސް އިންވެސްޓަރުންނަށް މަރުހަބާ ކިޔާނެ ކަމަށެވެ.
"ދިވެހި ކަނޑުމަހާއި އޭގެ އުފެއްދުންތަކަށް ދުނިޔޭގެ އިތުރު މާކެޓްތައް ހޯދައި، ފުޅާ ކުރުމަށް މިފްކޯއިން އިސްނަގައިގެން އަބަދުވެސް މަސައްކަތް ކުރޭ، ކޭނަރީއާއި، މަސް ރައްކާކުރާ ވަސީލަތްތަކާއި، މަސްކިރާ ބޯޓުފަހަރުތަކަށް ވެސް އިންވެސްޓް ކުރުމަށް ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް މަރުހަބާ ކިޔަން،" އޭނާ ވިދާޅުވި އެވެ.
ޝަމާހު ވިދާޅުވީ، މިފްކޯއަކީ ދެމެހެއްޓެނިވި ކަނޑުގެ އިގްތިސާދެއް ގާއިމްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވާއިރު، ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކޮށް، ފާގަތި މުސްތަގުބަލެއް ރާއްޖެއަށް ބިނާކޮށްދޭނޭ ބައިވެރިއެއްގެ ގޮތުގައި އެ ކުންފުނި އޮންނާނެ ކަމަށެވެ.
"އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ސަރުކާރާއި އެކު މިފްކޯއިން މިދަނީ ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން، އަދި ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށްވެސް ހުއްޓުމެއްނެތި ދަނީ މަސައްކަތް ކުރަމުން،" ޝަމާހު ވިދާޅުވި އެވެ.

ދިވެހިންގެ ދޮށީގެ މަސްވެރިކަމަކީ ވެއްޓާ ރައްޓެހި އަދި ކަނޑުގެ ދިރުންތަކަށް އަސަރު ކުޑަކޮށް ކުރެވޭ ދެމެހެއްޓެނިވި މަސްވެރިކަމުގެ ބާވަތެއް ކަން ޝަމާހުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ. ދިވެހި މަހުގެ އުފެއްދުންތަކުގެ ކޮލިޓީގެ ސިއްރަކީ އެއީ ކަމަށާއި އެ ގޮތުގައި ދެމިތިބޭނެ ކަމަށް ވިދާޅުވި އެވެ.
'ކޮލިޓީގެ އެންމެ އުސްފަންތީގައި، އިސްރާފު ކުޑަ ކުރުމަށް ކުރަން ޖެހޭ ކަންކަން ބަލައި، ދިރާސާކޮށް، ޓެކްނޮލޮޖީއަށް އިންވެސްޓްކުރުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން. އަޅުގަނޑުމެންގެ ކަނޑުމަހުގެ އުފެއްދުންތަކަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސެޓިފިކެޓްތަކާއެކު އުފައްދާ އުފެއްދުންތަކެއް،" އޭނާ ވިދާޅުވި އެވެ.












