ގދ.އަތޮޅުގައި އޮންނަ ރަފުލްސް މޯލްޑިވްސް ނަމަކަށް ކިޔާ ރިސޯޓަކުން ކަޔަކް އެއްގައި (ފަލިޖަހައިގެން ދުއްވާ ކުޑަ އުޅަނދެއް) ގައި ނުކުމެ އުޅެނިކޮށް ގެއްލުނު މީހާ، ސަލާމަތުން ގއ. އަތޮޅުގެ ރިސޯޓަކަށް އަރާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އިއްޔެ ބުނި ގޮތުގައި އެ ރިސޯޓުން ގެއްލުނީ ރިސޯޓުގެ ދޯންޏެއްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެކެވެ. އެއީ ބަންގްލަދޭޝް މީހެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން މިއަދު ބުނީ، ގެއްލިގެން ހޯދަމުންދިޔަ މީހާ ކަޔަކުގައި ގއ. އަތޮޅު ރިސޯޓަކަށް މިއަދު ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެެވެ. ނަމަވެސް އޭނާ ދިޔައީ ކޮން ރިސޯޓަކަށް ކަމެއް ފުލުހުން ނުބުނެ އެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ މެންދުރުފަހު 3:30 އެހާކަށް ހާއިރު އެވެ.
މިދިޔަ ބުރާސްފަތިން ފެށިގެން ރާއްޖޭގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މުޅި ރާއްޖެއަށް ވެސް ދަނީ ވައި ގަދަވެ ވިއްސާރަ ކުރަމުންނެވެ. އެގޮތުން މިއަދުވެސް މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ނެރެފަ އެވެ.

އިއްޔެ އޭނާ ކަޔަކުގައި ނިކުތް އިރުވެސް މެޓް އޮފީހުން އޮތީ ސަމާލު ނެރެ، ކަނޑުދަތުރު ކުރުމުގައި ސަމާލު ވުމަށް އިލްތިމާސްކޮށްފަ އެވެ.













