ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރި އިންޑިއާގެ މަސް ބޯޓެއް 4.2 މިލިއަން ރުފިޔާއިން ކުރި ޖޫރިމަނާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައާފުކޮށް، އެ ބޯޓު ފުރުވާލައިފި އެވެ.
އިންޑިއާގެ މަސް ބޯޓު "ހޮލީ ސްޕިރިޓް" އޮޕަރޭޓު ކުރި އެންތަނީ ޖަޔަބަލަން، މިނިސްޓްރީ އޮފް ފިޝަރީޒް އިން ޖޫރިމަނާ ކުރީ 4،200،000 މިލިއަން ރުފިޔާއިންނެވެ. އެ ބޯޓުގެ ޖޫރިމަނާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައާފު ކުރީ މާޗް 10، 2024 ގަ އެވެ. އޭގެ ހަތް ދުވަސް ފަހުން ބޯޓު ވަނީ ރާއްޖެއިން ފުރައިފަ އެވެ.
އިންޑިއާގެ މަސް ބޯޓު ކޯސްޓު ގާޑުން އަތުލައިގަތީ އޮކްޓޯބަރު 22، 2023، ގަ އެވެ. އަދި އެ ބޯޓު 4.2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ އޮކްޓޯބަރު 28، 2023، ގަ އެވެ. އެ ޖޫރިމަނާ މައާފު ކުރަން ބޯޓު އޮޕަރޭޓު ކުރި ފަރާތުން އެދުނެވެ. ނަމަވެސް ކުރީގެ ސަރުކާރުން ނިންމީ ޖޫރިމަނާ މައާފު ނުކުރުމަށެވެ.
އެ މައްސަލައިގައި ފައިސާ ހޯދަން ފިޝަރީޒް މިނިސްޓްރީން އޮތީ ސިވިލް ކޯޓުގައި ދައުވާއެއް ވެސް އުފުލައިފަ އެވެ. ނަމަވެސް ރައީސް އޮފީހުން އެ ޖޫރިމަނާ މައާފުކޮށް ބޯޓު ފުރުވާލުމުން، ދައުވާ އަނބުރާ ގެންދިޔުމަށް މިނިސްޓްރީން ކޯޓުގައި އެދުނެވެ. ކޯޓުން ވަނީ އެދުނު ގޮތަށް އެ ދައުވާ ކޯޓުން ބޭރުކޮށްލައިފަ އެވެ.

ބޯޓު އޮޕަރޭޓު ކުރި ޖަޔަބަލަންއިންޑިއާގެ "ދަ ނިއު އިންޑިއަން އެކްސްޕްރެސް" ނޫހާ ވާހަކަ ދައްކަމުން ބުނެފައި ވަނީ އެ ބޯޓުގެ މައްސަލަ ހައްލު ކުރަން އިންޑިއާގެ އެމްބަސީން އެއްވެސް އެހީތެރިކަމެއް ދީފައިނުވާ ކަމަށެވެ. ނަމަވެސް ބޯޓުގެ މައްސަލައިގައި އިންޑިއާ އެމްބަސީން ފަހުން ސަރުކާރާ ވާހަކަ ނުދައްކާ ކަމެއް ނޭނގެ އެވެ.












