ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒު އިންޑިއާގެ އެހީއަށް އެދެން ޖެހުން

May 14, 2024, 1:33 AM
ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒު އިންޑިއާގެ އެހީއަށް އެދެން ޖެހުން

އިންޑިއާއިން ހުށަހަޅައި ދެ ގައުމުން އެއްބަސްވި ގޮތަށް އަސްކަރީ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ރާއްޖޭގައި ބާއްވަން އެއްބަސްވެ، ޔުނިފޯމު އެޅި އަސްކަރީންގެ ބަދަލުގައި ގާބިލް ޓެކްނިކަލް އިންޑިއާ މީހުން އެތަކެތި ދުއްވަން ފުރިހަމައަށް ގާއިމުވެވުމާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުން އަހަރަކަށް ފަސްކޮށް ދީފި އެވެ.

ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދިގެން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ގަނެފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުން އަހަރަކަށް ފަސްކޮށްދޭން ނިންމައިފި ކަމަށް ދެ ގައުމުގެ ހާރިޖިއްޔާއިން ހާމަކުރީ އިއްޔެ އެވެ.

މިކަން ދެ ގައުމުގެ ހާރިޖިއްޔާއިން އިއުލާނު ކުރީ އިންޑިއާ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ހިންދުސްތާން އެރޯނޯޓިކްސް ލިމިޓެޑްގެ ކޮންޓްރެކްޓުގައި ތިބި އެ ގައުމުގެ ގާބިލް ޓެކްނިކަލް މީހުން ރާއްޖެ އަށް ފޮނުވައި ނިމުނުތާ ހަތަރު ދުވަސް ފަހުންނެވެ.

ރިޔާސީ އިންތިހާބުގައި އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށް ބުނަމުން ދިޔައިރު، އިންޑިއާގެ ހެލިކޮޕްޓަރުތަކާއި މަތިންދާ ބޯޓު ރާއްޖޭގައި ބާއްވާނެ ކަމާއި، އެ މީހުންގެ ބަދަލުގައި މަދަނީން ގެންނާނެ ކަމަށް ނުބުނެ އެވެ. އެހެންވެ، ޕޯޑިއަމްތަކުގައި އޭރު ދައްކަމުން ދިޔަ ވާހަކަތަކުން ގަބޫލުކޮށް ދެމުން ދިޔައީ އިންޑިއާ އަސްކަރިއްޔާ އެއްކޮށް ފޮނުވާލާނެ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު އަދި ޕީޕީއެމް/ޕީއެންސީން ވި ވައުދާ އެއްގޮތަށް އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭން ފޮނުވައި ނުލައި، އިންޑިއާގެ އެހީ ވެސް މިވަނީ ހޯދައިފަ އެވެ.

އެސްބީއައި އިން ގަތް ޓްރެޝަރީ ބޮންޑަކީ ކުރީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު އެސްބީއައި އިން ގަނެފައިވެ އެވެ. އެއީ ފަހަރަކު 50 މިލިއަން ޑޮލަރުގެ މަގުން ގަތް ބޮންޑުތަކެކެވެ.

މި ބޮންޑުތައް ކުރީ ސަރުކާރުގައި ކޮންމެ އަހަރަކު ރޯލްއޯވާ ކުރަމުން އައީ އިންޑިއާ ސަރުކާރުން އިންޓްރެސްޓް ދައްކާ ގޮތަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ ނިމުނު ޖެނުއަރީގައި އެގޮތަށް އަމަލު ނުކޮށް މީގެ ތެރެއިން 50 މިލިއަން ޑޮލަރު އަނބުރާ ދައްކާފަ އެވެ.

ބާކީ ހުރި 150 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރަން އިންޑިއާ ސަރުކާރުގައި އެދުނީ، މިފަހުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ގައުމަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިންޑިއާ ސަރުކާރުގައި އެދުނީ 2019 ވަނަ އަހަރު ބަޖެޓު ސަޕޯޓަށް ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން 150 މިލިއަން ޑޮލަރު އަނބުރާ އަދާ ކުރަން ޖެހޭ މުއްދަތު އިތުރު ކުރަން ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނީ، ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ ސަރުކާރުން މީގެ ތެރެއިން 50 މިލިއަން ޑޮލަރު ދެއްކުން އަހަރަކަށް ފަސްކޮށްދޭން ނިންމާފައިވާ ކަމަށެވެ. އަދި މިއީ، ޒަމީރު މިފަހުން އިންޑިއާ ކުރެއްވި ދަތުރުގައި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރަށް ދަންނަަވައިގެން އިންޑިއާ ސަރުކާރުން ފަހިކޮށްދިން ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އިންޑިއާ ސަރުކާރުގެ މި ނިންމުމަށް ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރަމުން، ފޮރިން މިނިސްޓްރީން ވަނީ އިންޑިއާގެ އެހީ އާއި ލޯނުތައް ބޭނުންކޮށްގެން ރާއްޖޭގައި އުމްރާނީ ތަރައްގީއަށް މުޖުތަމައު ބާރުވެރިކުރުވުމާ ގުޅޭ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ހިނގަމުންދާ ކަން ފާހަގަކޮށްފަ އެވެ.

ސަރުކާރުން އަންނަނީ އެހެން ގައުމުތަކުން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކުރެވޭތޯ ވެސް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެއް ގައުމަކީ ޗައިނާ އެވެ. ޗައިނާއިން ވެސް ވަނީ އެ ގައުމުގެ އެކްސްޕޯޓު އިމްޕޯޓު ބޭންކު މެދުވެރިކޮށް ނަގާފައިވާ ލޯނުތައް ފަސްކޮށްދިނުމާ ގުޅޭ މަޝްވަރާތަކަށް އެއްބަސްވެފަ އެވެ. އެކަމަކު އަދި އެއްވެސް ލޯނެއް ދެއްކުން ފަސްކޮށްދޭން އެއްބަހެއް ނުވެ އެވެ.

އިންޑިއާގެ އެހީ ހޯދިއިރު، ރައީސް މުއިއްޒު ކުރިން ގެންދެވީ އިންޑިއާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ނަމަވެސް ފަހަކަށް އައިސް އެ ރާގު ބަދަލު ކުރެއްވި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox