ތެލެސީމިއާގެ ހާލަތު ދެނެގަނެ ދިވެހިންގެ ސަމާލުކަން ހޯދުމުގައި އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ، ސޮސައިޓީ ފޯ ހެލްތު އެޑިޔުކޭޝަން (ޝީ) އިން ކުރި މަސައްކަތަށް ދައުލަތުގެ ހިދުމަތުގެ އެވޯޑު ލިބިއްޖެ އެވެ.
ޝީ އާ މި އެވޯޑު ހަވާލުކޮށްދެއްވީ، މި އަހަރުގެ ބައިނަލްއަގުވާމީ ތެލަސީމިޔާ ދުވަސް ފާހަގަކުރަން ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ޝީ ގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގެންނެވީ އެ ޖަމިއްޔާގެ ސީއީއޯ އިޔާޝާ ލީނާ އެވެ.
ޝީ އަކީ، ދިވެހި މުޖުތަމައުގައި ސިއްހީ ހޭލުންތެރިކަން އުފައްދާ އާލާ ކުރުވުމުގެ މަގުސަދުގައި 1988 ގައި ވުޖޫދުވެގެން އައި އަމިއްލަ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ އިސް ސަފުގައި ހަރަކާތްތެރިވަމުން ގެންދަވަނީ ޑރ. ނާއިލާ ފިރުދައުސް އާއި ކުރީގެ ފަސްޓްލޭޑީ ނަސްރީނާ އިބްރާހިމެވެ.
މި އެވޯޑު ލިބުން ފާހަގަކޮށް ނެރުނު ބަޔާނެއްގައި ޝީ އިން ބުނި ގޮތުގައި، އެ ޖަމިއްޔާއިން ތެލެސީމިޔާއާ ގުޅުން ހުރި ކަންކަމުގެ ތެރެއަށް ވަންނަން މަޖުބޫރުވީ އެ ޖަމިއްޔާގެ ހަރަކާތްތަކުން ލިބެމުން ދިޔަ މައުލޫމާތާއި ފެންނަމުން ދިޔަ ހަގީގަތްތަކުގެ ސަބަބުންނެވެ.


ޝީ ގެ ހަތަރު ފައުންޑާ މެމްބަރުންގެ ތެރެއިން ޑރ. ނާއިލާ ފިރުދައުސް އާއި ކުރީގެ ފަސްޓްލޭޑީ ނަސްރީނާ ިއިބްރާހިމް: ޝީ އުފެއްދީ ސިއްހީ ހާލަތު ދެނެގަނެ ދިވެހިން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި -- ފޮޓޯ: ޝީ
މިގޮތުން އެ ޖަމިއްޔާއިން ކުރި މަސައްކަތުގެ ތެރެއިން 1989 ގައި ޝީ އިން ސްކޫލެއްގައި ކުރިއަށް ގެންދިޔަ ސިއްހީ ހޭލުންތެރި ކުރުުމުގެ ޕްރޮގްރާމެއްގައި ބައިވެރިވީ ދަރިވަރުންތަކެއްގެ ތެރެއިން ލޭމަދުކަމަށް ފެންނަ (އެނީމިކް) ކުދިންތަކެއް ފާހަގަވެ، އެކަން ދިމާވާ ސަބަބު އިތުރަށް ދެނެގަންނަން ރާއްޖެއިން ބޭރަށް ފޮނުވި އެވެ.
ޝީ އިން ބުނި ގޮތުގައި މިކަން ވެގެން ދިޔައީ ރާއްޖެއިން ތެލަސީމިއާ ކެރިއަރުން ގިނަކަން ދެނެގަތުމުގެ ފެށުމެއް ކަމުގަ އެވެ. އަދި މިކަން ފާހަގަ ވުމާ އެކު ބައިނަލްއަގުވާމީ އެކިއެކި މާހިރުންގެ އިރުޝާދު ހޯދައި މި ބައްޔާ ގުޅޭ މައުލޫމާތު އެއްކުރަން ފަށައި، ލިބެން ހުރި އެހީތެރިކަމާއި ފަރުވާގެ ތަފުސީލު ހޯދުނު ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ތެލެސީމިޔާއާ ގުޅުން ހުރި ކަންކަން ދެނެގަނެމުން، މި ބައްޔަށް ޓެސްޓު ކުރުމުގެ މުހިންމުކަން ޝީ އަށް ވަޒަން ކުރެވެން ފެށުނެވެ. އެ ހިސާބުން އެ މީހަކީ ތެލެސީމިޔާ ކެރިއަރެއް ނުވަތަ ނޫންކަން އެނގިފައި އޮތުމަކީ ފަރުދީ ހައްގެއްގެ ގޮތުގައި އެ ޖަމިއްޔާއަށް ސިފަކުރެވެން ފެށި އެވެ.
ޝީ ގައި ގާއިމުކުރެވުނު ލެބޯޓްރީއަކީ މިކަމަށްޓަކައި ގާއިމުކުރެވުނު ލެބޯޓްރީއެކެވެ. ޝީ އިން 1992 ގައި ހުޅުވީ މި ލެބޯޓްރީއާއެކީ، ކޮންމެ ދިވެއްސެއްގެ ފުރާވަރު އުމުރު ނިމުމުގެ ކުރިން ތެލެސީމިޔާގެ ހާލަތު ދެނެގަންނަން ފުރުސަތު ހޯދައިދިނުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތެލެސީމިޔާ ޕްރޮގްރާމެއް ތައާރަފުކުރެވިގެން ދިޔަ އެވެ.

ޝީ އިން 90 ގެ އަހަރުތަކުގައި ކުރިއަށް ގެންދިޔަ ތެލެސީމިއާ ޓެސްޓިން ޕްރޮގްރާމުގެ ތެރެއިން: މި ޕްރޮގްރާމުގެ ދަށުން 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ޒުވާން އާބާދީގެ ބޮޑު ބަޔެއް ތެލެސީމިޔާއަށް ޓެސްޓުކޮށްފައިވޭ -- ފޮޓޯ: ޝީ
ތެލެސީމިޔާއަށް ޓެސްޓުކުރުމުގެ ޕްރޮގްރާމަކީ އޭރު ހުރި ލަފާފުރުމާއި އެއް ތަނުން އަނެއް ތަނަށް ތަކެތި ފޮނުވުމުގައި ހުރި ގޮންޖެހުންތަކުގެ ތެރެއިން ވެސް ޝީ އިން ވަރަށް ކާމިޔާބުކަމާއެކީ ހިންގާ ނިންމާލި ޕްރޮގްރާމެކެވެ. އެ ޖަމިއްޔާއިން ވަނީ 10 އަހަރުގެ ތެރޭގައި ދެ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރެވި އެރަށަކުން ޓެސްޓްކުރުމަށް ބޭނުންވި 12 އަހަރާއި 35 އަހަރާއި ދެމެދުގެ ޢުމުރުފުރައިގެ މީހުން ނަށް ތެލަސީމިޔާ ޓެސްޓް ހަދައި ދީފަ އެވެ.
ޝީ ގެ މި ޕްރޮގްރާމަށް ފަހު ތެލެސީމިޔާ ދިވެހިން ތަހައްމަލު ކުރާ މިންވަރު ދެނެގަނެވުނެވެ. އެގޮތުން ހެދި ޓެސްޓުތަކުން އެނގުނީ، ރާއްޖެއަކީ އާބާދީގެ ނިސްބަތުން މުޅި ދުނިޔޭގައި ވެސް ތެލެސީމިއާ ކެރިއަރުން އެންމެ ގިނަ އެއް ގައުމު ކަމެވެ. ޝީ އިން ބުނީ އެ ޖަމިއްޔާއިން ކުރި ދިރާސާއިން ދެއްކި ގޮތުގައި އޭރު ރާއްޖޭގެ ތެލެސީމިޔާ ކެރިއާ ރޭޓަކީ 16.3 ޕަސެންޓު ކަމަށެވެ.
މި ބަލި އިތުރަށް ދެނެގަންނަން ޝީ އިން ކުރި މަސައްކަތުގެ ތެރެއިން ބީޓާ ތެލަސީމިއާގެ އިތުރަށް، ތެލަސީމިއާގެ އިތުރު ވައްތަރު ތަކެއް އުޅޭކަން ފާހަގަވި އެވެ. މިކަން ދެނެގަތުން މުހިންމުވީ ބައެއް ރަށްރަށުގައި ހިމަގްލޮބިނޮޕަތީސް ގެ ދެވައްތަރެއް އުޅުމުން ބަލިކުދިން ލިބުމުގެ ފުރުސަތު އިތުރުވެގެންދާތީ އެވެ. މި މައުލޫމާތުގެ އަލީގައި ރަށްރަށަށް ހާއްސަ ކޮށްގެން ޖެނެޓިކް ކައުންސިލުގެ މައުލޫމާތު ހަރުދަނާ ކުރުމުގެ ފުރުސަތު ޝީ އަށް ލިބުނެވެ.
ޝީ އިން ބުނީ، އެ ޖަމިއްޔާއިން ފުޅާ ދާއިރާއެއްގައި ކުރަމުން ދިޔަ ތެލެސީމިޔާ ޓެސްޓުތަކުން ދެއްކި އަނެއް ހަގީގަތަކީ އިންކޮންކްލޫސިން ނަތީޖާ ލިބެމުން ދިޔުމެވެ. އެހެންވެ، މި ބަލި ކަށަވަރުކުރެވޭނެ ހަމައެކަނި ޓެސްޓަކީ ޑީއެންއޭ ޓެސްޓު ކަމަށް ވާތީ، 2005 ގައި ޝީ ގައި ޑީއެންއޭ ޓެސްޓިން ހިދުމަތް ފަށާއި، އެ ޖަމިއްޔާގެ ލެބޯޓަރީގައި ޖެނެޓިކް ކައުންސިލުން ހިދުމަތް ތައާރަފުކުރެވުނެވެ.

ތެލެސީމިޔާއަށް ޓެސްޓުކުރަން ޝީ އިން ހިންގި ޕްރޮގްރާމުގެ ތެރެއިން: މި ޕްރޮގްރާމް ހިންގަން އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވީ ލަފާފުރުމުގެ ދަތިކަން --- ފޮޓޯ: ޝީ
ތެލެސީމިޔާގެ ހާލަތު ދެނެގަނެ، ހޭލުންތެރި ކުރުވުމުގެ އިތުރުން، އެ ބަލި ތަހައްމަލު ކުރާ ކުދިންނަށް ބޭނުންވާ ފަރުވާ އާއި އެހީ ފޯރުކޮށްދިނުމުގައި ވެސް ޝީ އިން އިސް ދައުރެއް އަދާކުރި އެވެ. އެ ޖަމިއްޔާއިން ބުނީ ފުރުސަތު ލިބުނު ވަރަކުން ޑެސްފަރޯލް ޕަމްޕް ފަދަ ވަސީލަތްތަކާއި ލޭ ހަދިޔާކޮށް، އެ ކުދިންގެ ނަފްސާނީ ސިއްހަތު ހަރުދަނާ ކުރުން އެ ކުދީންނާ އެކު ގުޅުން ބަދަހި ކޮށް ކައުންސެލިން ފުރުސަތުތައް ހޯދައި ދިން ކަމަށެވެ.
އޭގެ އިތުރުން، ތެލެސީމިޔާ ބަލީގެ ދާއިމީ ހައްލު ކަމުގައިވާ، ބޯންމެރޯ ޓްރާންސްޕްލާން ހަދާ ބައިނަލްއަގުވާމީ މަރުކަޒުތައް ހޯދައި އެތަންތަނާ ގުޅުން ބަދަހިކުރުމުގައި ޝީ އިން އިސް ދައުރެއް އަދާކުރި އެވެ. އަދި މި ގުޅުމުގެ ތެރެއިން ތެލަސީމިޔާ ކުދީން ނަށް ބޯންމެރޯ ހެދުމުގެ ފުރުސަތު ހޯދައި ދެމުން ދިޔަ އެވެ.
ޝީ އިން 2005 ގައި މެޑިޓަރޭނިއަން އިންސްޓިއުޓް އޮފް ހެމަޓޮލޮޖީ އާއި ގުޅިގެން 10 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ފޮނުވި އެވެ.












