މި ސަރުކާރުން މައުލޫމާތު ހާމަކުރުމާ ދެކޮޅު އެންގުމެއް ނާންގާނެ ކަމަށާއި ސިޔާސަތަކީ ވީހާ ވެސް ބޮޑަށް މައުލޫމާތު ހާމަކުރުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ މިހެން ވިދާޅުވީ، ސަރުކާރު ކުންފުންޏަކުން ހިންގަމުން އަންނަ ޕްރޮޖެކްޓަކާ ގުޅޭ މައުލޫމާތެއް ހޯދަން އެދުމުން، އީމެއިލްގެ ޒަރިއްޔާއިން މައުލޫމާތަށް އެދި ހުށަހަޅަން ކުންފުންޏެއްގެ ޕީއާރު އޮފިސަރަކު އެންގި ކަމުގެ ކަންބޮޑުވުން ނޫސްވެރިޔަކު ހިއްސާކުރުމުންނެވެ.
އެ ނޫސްވެރިޔާ އިތުރަށް ބުނީ މިއީ ސިޔާސަތަށް އައި ބަދަލެއްތޯ ޕީއާރު އޮފިސަރާ ސުވާލުކުރުމުން އެކަން އެގޮތަށް ކުރަން އެންގީ "މަތިން" ކަމަށް އޭނާ ބުނި ކަމަށެވެ. މިއާ ގުޅުވާ ސަރުކާރުން އެގޮތަށް އެންގީތޯ ސުވާލުކުރުމުން ޖަވާބުގައި ހީނާ ވިދާޅުވީ ރައީސް އޮފީހުން ވިޔަސް ވަޒީރަކު ވިޔަސް އަދި ކުންފުންޏެއްގެ އިސްވެރިއަކު ވެސް މައުލޫމާތު ހާމަކުރުމާ ދެކޮޅަށް އެއްވެސް އެންގުމެއް ނާންގާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ސިޔާސަތަކީ ސަރުކާރުގެ ސިޔާސަތަކީ ވީހާ ވެސް ބޮޑަށް މައުލޫމާތުތައް ހާމަކޮށްގެން، ނޫސްވެރިންނާ ވެސް ގާތް ގުޅުމެއް ބާއްވައިގެން އަދި ރައްޔިތުންނަށް ވެސް އެ ދޭންވާ މައުލޫމާތެއް ދީގެން އަދި ހަމަ އެއާ އެކުއެކީގައި ރައްޔިތުންގެ ފަރާތުން އަދި ނޫސްވެރިންގެ ފަރާތުން ވެސް ލިބެމުންދާ ފީޑްބެކް ބަލައިގަނެ އެކަންކަން ރަނގަޅުކޮށްގެން ކުރިއަށް ގެންދިޔުން،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތަކީ މައުލޫމާތު ހާމަކުރުން ކަމަށް ހީނާ ވިދާޅުވި ނަމަވެސް، މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވެސް އިންޑިއާ ސިފައިންގެ އަދަދާއި މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދަ ހާމަނުކުރާ ކަން އެހެން ނޫސްވެރިޔަކު ފާހަގަކުރި އެވެ.

މިކަންކަން ފާހަގަކުރުމުން ހީނާ ވިދާޅުވީ އިންޑިއާ ސިފައިން އެއްކޮށް ފައިބަން ދީފައިވާ ތާރީހު ކަމުގައިވާ މެއި 10 (ހުކުރު ދުވަހު) ގެ ފަހުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރާނެ ކަމަށާއި ސިޔާސީ މަގާމުތަކުގެ އަދަދު މިހާރު ވެސް ވުޒާރާތަކުން ހާމަކުރަމުންދާ ކަމަށާއި "ވަރަށް ކައިރި މުސްތަގުބަލެއްގައި" ރައީސް އޮފީހުން ވެސް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި އެ މީހުންގެ މުސާރަ ދޭން ހިނގާ ހަރަދު ހިއްސާކޮށްދޭން "އަދަދު" ގެ ނޫސްވެރިން ހުށަހެޅިތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ރައީސް އޮފީހުން ވަނީ އެ މައުލޫމަތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގެވި އެންގެވުމާ ވެސް ހިލާފުވެފަ އެވެ. މައުލޫމާތު ހާމަނުކުރާ ތަނުގައި މައުލޫމާތު ނުދީގެން ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ބާއްވާ އަޑުއެހުމެއްގައި ވެސް ރައީސް އޮފީހުން ބައިވެރިނުވެ އެވެ.














