އަންނަ މަހުގެ ހަޔަކުން ނުވަޔަކަށް އެކުވެރި އަރަބި އިމާރާތުގެ ދުބާއީގައި ކުރިއަށް ގެންދާ އޭޓީއެމް ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ހިލޭ ސައި، ކޮފީ، އަދި ބިސްކޯދު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.
އެމްއެމްޕީއާރުސީން މިއަދު ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނީ މި ހިދުމަތްތައް ހިލޭ ދޭން ޖެހޭނީ އޭޓީއެމް ފެއާގައި ހުންނަ ރާއްޖޭގެ ރަސްމީ ސްޓޭންޑުގައި ކަމަށެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން ޖެހެ އެވެ.
އިއުލާނާއެކު އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތުން ކުރިން ބުނެވުނުތަކެތީގެ ހިދުމަތް ދިނުމަށް މަދުވެގެން އަށް ހޯސްޓުން ތިބެއްވާނެ އެވެ.
މި ހިދުމަތުގެ ބަދަލުގައި މަސައްކަތް ފޯރުކޮށްދޭ ފަރާތަކަށް ބަދަލުގެ ގޮތުގައި ރާއްޖޭގެ ސްޓޭންޑުގައި ބީ2ބީ މޭޒެއް ލިބޭނެ ކަމަށާއި އެ މޭޒުގެ ބޭނުން ކޮށްގެން ބޮޑު އޯޑިއަންސަކަށް އެ ފަރާތުގެ ހިދުމަތް އިޝްތިހާރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް އެމްއެމްޕީއާރުސީއިން މައުލޫމާތު ކަރުދާހުގައި ބުނެފައިވެ އެވެ.
މި އުސޫލުގެ މަތިން މާޗު މަހު ޖަރުމަނުގެ ބާލިންގައި ބޭއްވި އައިޓީބީ ފެއާއަށްވެސް ހިލޭ ސައި، ކޮފީ، އަދި ބިސްކޯދު ފޯރުކޮށްދޭން ބަޔަކު ގެންގޮސްފައިވެ އެވެ. އެކަމަކު އޭގެ ކުރިން މިގޮތަށް "ބާޓާ" އުސޫލުން ހިދުމަތް ހޯދި ކަމެއް ސާފެއް ނޫނެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ރާާއްޖެ ޕްރޮމޯޓުކުރަން އެމްއެމްޕީއާރުސީއަށް 154.2 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވެ އެވެ.












