ފެކްޓް ޗެކް: ފޯނު ނުވެއްދޭނެ ކަމަށް އެންގުމާއި ރާގު ބަދަލުވި ގޮތް!

ފެކްޓް ޗެކް: ފޯނު ނުވެއްދޭނެ ކަމަށް އެންގުމާއި ރާގު ބަދަލުވި ގޮތް!

ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް މޮބައިލް ފޯނު ނުވެއްދޭނެ ކަމަށް ނޫސްވެރިންނަށް އެންގުމަށް ފަހު، އެއީ ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމިއްޔާތަކުން އޮޅުވާލައިގެން ދައްކާ ވާހަކައެއް ކަމަށް އެ އޮފީހުން ދޮގު ތުހުމަތެއް ކޮށްފި އެވެ.

ނޫސްވެރިންނަށް އަމާޒުކޮށް ރައީސް އޮފީހުން މިގޮތަށް ތުހުމަތުކުރީ އިއްޔެ އެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވުމުން ފޯނު ނުވެއްދޭނެ ކަަމަށް ބުނި މައްސަލައިގައި އާންމުން ވެސް ހިމެނޭހެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން އެކަން އެގޮތަށް ނުހިނގާ ކަމަށް ދިން ރައްދެއްގަ އެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންއާ ހީނާ ވަލީދާ ހަވާލާދީ އެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި، "ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މޮބައިލް ފޯނު ހިފައިގެން ނޫސްވެރީންނަށް ނުވަދެވުނުކަމަށް ބުނެ ފަތުރާ ހަބަރު ޗީފް ސްޕޯކްސްޕާސަން ދޮގުކުރައްވައިފި" ސުރުހީގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި ބުނީ ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ބައެއް މީޑިއާތަކާއި ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ވަރަށް ބޮޑު ދޮގު ހަބަރެއް ކަމަށެވެ.

Advertisement

"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު [އިއްޔެ] ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވާން އައި ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނު ކަމަށް ބުނެ ބައެއް މީޑިއާތަކާ ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ވަރަށް ބޮޑު ދޮގު ހަބަރެއް. މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލުވުމުގައި ހުރިހާ ނޫސްވެރީން ވެސް ބައިވެރިވީ ފޯނާއި އެކު،" ރައީސް އޮފީހުގެ ހަބަރުގައިވެ އެވެ.

ރައީސް އޮފީހުން މިހެން ބުނި ނަމަވެސް މިއަދު ނޫސްވެރިންގެ ބައްދަލުވުމަށް ވަންނަން ދިޔުމުން ރައީސް އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފަކު އެންގި ކަމަށް، އެ ބައްދަލުވުމުގައި ބައިވެރިވާން ދިޔަ "އަދަދު" ގެ ނޫސްވެރިޔާ އާއި އެތަނަށް ދިޔަ އެހެން ދެ ނޫހެއްގެ ނޫސްވެރިން ކަށަވަރުކޮށްދިނެވެ.

އިއްޔެ މެންދުރު 11:00 އަށް ތާވަލުކޮށްފައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާން ދިޔުމުން، ރައީސް އޮފީހުގައި މަސައްކަތް ކުރާ އަފްރާ ފާރޫގް ނަމަކަށް ކިޔާ މުވައްޒަފަކު، ފޯނު ނުވެއްދޭނެ ކަމަށް އެތަނުގައި ތިބި ނޫސްވެރިން ގާތު ބުނި ކަމަށް އެ ތިން ނޫސްވެރިން ވެސް ބުންޏެވެ.

ކުރިން އަމަލުކުރަމުން އައި އުސޫލާ ހިލާފަށް، ފޯނު ނުވެއްދޭ ސަބަބު އޮޅުންފިލުވަން ސުވާލުކުރުމުން އެ މުވައްޒަފު ބުނީ އެގޮތަށް އެންގީ ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލަށް އެމްއެންޑީއެފްއިން ގެނައި ބަދަލަކާ ގުޅިގެން ކަމަށެވެ. އެ ބަދަލާ ގުޅިގެން ރައީސް އޮފީހުގެ މުވައްޒަފުން ފިޔަވައި އެ ނޫން ބަޔަކަށް އެ އޮފީހަށް ފޯނު ވެއްދުން މަނާވެފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

"އެހެން އެންގީމައި ބައެއް ނޫސްވެރިން ބުނީ ފޯން ނުލާ ނުވަދެވޭނެ ކަމަށް. ހުރިހާ ނޫސްވެރިން މަޑުކުރި ވެއިޓިން އޭރިއާގައި 20 މިނިޓު ވަންދެން،" ރައީސް އޮފީހަށް ދިޔަ "އަދަދު" ނޫހުގެ އަހުމަދު އާއިދު ބުންޏެވެ.

ރައީސް އޮފީހުން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ފޯނާ އެކީ ވަންނަން ހުއްދަ ދިނީ، ދުރާލާ ޕްރޮޓޮކޯލަށް އައި ބަދަލު މުއާމަލާތް ކުރެވިފައި ނުވާތީ ކަމަށް ބުނެ އެވެ. ނޫސްވެރިން ވައްދަމުން ރައީސް އޮފީހުން ވަނީ، މުސްތަގުބަލުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އާ ޕްރޮޓޮކޯލާ އެއްގޮތަށް ފޯނު ނުވެއްދޭނެ ކަމަށް އަންގައިފަ އެވެ.

މިކަން މިގޮތަށް ހިނގި ކަމަށް ނޫސްވެރިން ފުށުން މައުލޫމާތު ލިބިގެން ރާއްޖޭގެ ގިނަ މީޑިއާތަކެއްގައި އެ ވަގުތު އެ ހަބަރު ޖެހި އެވެ. އަދި މި ނޫހުން ވާނީ ހަމަ އެ ގަޑީގައި އެމްއެންޑީއެފްއަށް ގުޅައިގެން، ޕްރޮޓޮކޯލަށް ބަދަލެއް އައިތޯ އާއި އައި ނަމަ އެ ބަދަލެއް އައީ އެއްވެސް ކަހަލަ ނުރައްކަލެއް އޮވެގެންތޯ ސާފުކޮށްފަ އެވެ. އެމްއެންޑީއެފްގެ އޮފިޝަލް، ޕްރޮޓޮކޯލަށް ބަދަލު ގެނައި ކަން ޔަގީންކޮށްދެމުން ބުނީ، އެއީ ނުރައްކަލެއް އޮވެގެން ގެނައި ބަދަލެއް ނޫން ކަަމަށެެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ފޯނު ނުވެއްދޭ މައްސަލައިގައި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރީ ނޫސްވެރިޔާ މުޒައްޔިން ނާޒިމް އެވެ. އޭނާގެ ކަންބޮޑުވުމާ ގުޅިގެން އޭރު ދިން ޖަވާބުގައި ހީނާ ވަނީ، ރައީސްގެ ސެކިއުރިޓީ ޕްރޮޓޮކޯލަކީ ރައީސް އޮފީހުގެ ބަހެއް ނެތި އެމްއެންޑީއެފްއިން އެކުލަވާލާ އެއްޗެއް ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ތަނުގައި އެކަން ތަކުރާރުނުވާނެ ފަދަ ގޮތަކަން އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮންނަ ޕްރޮޓޮކޯލް އެއީ އަޅުގަނޑުމެން އެއްވެސް ގޮތަަކަށް އޭގައި ސޭއެެއް އޮންނަ ކަމެއް ނޫން. އެއީ އެމްއެންޑީއެފްއިން ކުރިއަށް ގެންދާ ކަމެއް. އެހެންވީމައި ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މައްސަލަ ތަކުރާރުނުވާނެ ގޮތަކަށް ކުރިއަށް ގެންދެވޭތޯ، ހުރިހާ ނޫސްވެރިންނަށް ވެސް ހަމަ އެ ޔަގީންކަން އަރުވަން،" ޓީވީތަކާއި ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމުތަކުން ލައިވްކުރަމުން ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވި އެވެ.

ހީނާގެ ޖަވާބާ ގުޅިގެން އޭގެ މާނައަކީ ކުރިއަށް އޮތް ތަނުގައި ފޯނު ވެއްދޭނެ ކަމަށްތޯ ނޫސްވެރިޔާ އިތުރަށް ސުވާލުކުރުމުން ސީދާ ފޯނު އެ ބަސް ނަން ނުގަނެ ހީނާ އަނެއްކާ ވެސް ތަކުރާރުކުރެއްވީ ކުރިއަށް އޮތް ތަނުގައި "މިއަދު މި ދިމާވި މައްސަލަ" ތަކުރާރުނުވާނެ ކަމަށް ވިދާޅުވި އިބާރާތެވެ.

"..މީގެ ފަހުން ވެސް ނޫސްވެރީންގެ ބައްދަލުވުންތަކަށް ރައީސް އޮފީހަށް ވަޑައިގަންނަވާ ނޫސްވެރީންނަށް ފޯނާއިއެކު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނޭ އިންތިޒާމު ރައީސް އޮފީހުގެ ސެކިއުރިޓީ ޕްރޮޓޮކޯލުން ވަނީ ހަމަޖައްސަވައިދެއްވައިފަ،" ހީނާއާ ހަވާލާދީ ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރި ލިޔުމުގައިވެ އެވެ.

މި ނޫޙުން ވަނީ ޕްރޮޓޮކޯލަށް ބަދަލު އައި ކަމަށް ނޫސްވެރިން ގާތު ބުނި މުވައްޒަފުގެ ބަހެއް ހޯދަން މަސައްކަތްކޮށްފަ އެވެ. އެކަމަކު އޭނާއަށް ފޮނުވި މެސެޖަށް ޖަވާބު ނުދޭތީ މިކަމުގައި އޭނާގެ ބަހެއް ނުލިބެ އެެެވެ.

މި މައްސަލައިގައި ސަރުކާރުގެ ރާގު ބަދަލުވީ ނޫސްވެރިންނާއި ނޫސްވެރިންގެ ޖަމިއްޔާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)، މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ސޯޝަލް މީޑީއާގައި ހަރަކާތްތެރި އާންމު އެކައުންޓުތަކުން މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް އިންތިހާއަށް ފާޑުކިޔުން އޮއްސައިލުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox