ލާމަރުކަޒީ ނިޒާމަށް ސަރުކާރުގެ ވުޒާރާތައް އަހުލުވެރި ކުރުވަން ޖެހޭ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ފަނޯއްލަ ދަރުބާރުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ ގަސްތުގައި ނޫން ނަމަވެސް، ސަރުކާރުގެ ވުޒާރާތަކުން ލާމަރުކަޒީ ނިޒާމަށް އަހުލުވެރި ނުވުމުގެ ސަބަބުން ގޯސްތަކެއް ހަދަމުން އަންނަ ކަމަށެވެ.
މިގޮތުން އާތިފް ވަނީ އިސްލާމިކް މިނިސްޓްރީގައި ދާއިރާތަކަށް ހިދުމަތް ދޭން މަޖިލިސް މެމްބަރުންނަށް ހާއްސަ މަންދޫބެއް ބަހައްޓަން މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ނިންމެވުމުން އެކަމަށް ފާޑު ވިދާޅުވެފަ އެވެ.
އާތިފް ވިދާޅުވީ އިސްލާމިކް މިނިސްޓަަރުގެ ވާހަކަތަކަކީ ލާމަރުކަޒީ ނިޒާމާ ދުރު ވާހަކަތަކެއް ކަމަށައި، ދާއިރާގެ ރައްޔިތުންނަށް އަނެއްކާ ވެސް ވިސްނައިދޭން އެ ފެށުނީ ކަންކަން ކުރެވޭނީ މެމްބަރަށް ގުޅައިގެން ކަމަށެވެ.
"ވިސްނައި މިދެވެނީ އެމްޕީއަށް ގުޅައިގެންނޭ މިސްކިތް ސާފު ކުރަން ވެސް ޖެހޭނީ. މިސްކިތުގައި ބޮތްކެއް އަނދާފައި އިނީމަ އެކަން ކުރަން ވެސް އެމްޕީއަށޭ ގުޅަންވީ. ހަގީގަތުގައި މިސްކިތް ބެލެހެއްޓުން މި އޮންނަނީ ކައުންސިލްތަކަށް،" އާތިފް ވިދާޅުވި އެވެ.

ރާއްޖޭގައި އޮތް ތިން ބާރު ވަކިވެފައި އޮތް ދައުލަތުގައި މަޖިލީހަކީ ލެޖިސްލޭޓިވް ބޮޑީއެއް ކަމަށާއި، މަޖިލީހަށް އޮންނާނީ ގާނޫނާއި ގަވައިދު ހެދުން ކަމަށް އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ ސަރުކާރުގެ ބާރުތަކެއް މަޖިލިސް ތެރެއިން އަންނަ ކަހަލަ ގޮތަކަށް ސަރުކާރުން ބައްޓަން ކުރަމުންދާ ކަމަށާއި ނިޒާމަށް އޮތް އިތުބާރު ދެމެހެއްޓޭނީ އެކަމަށް ހައްލެއް ގެނެސްގެން ކަމަށެވެ.












