މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ރައްޔިތުން ވަނީ ސަރުކާރުން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު ވެސް ދީފައި ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕަބްލިކް ސާވިސް މީޑިއާއިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ވަޒީރުގެ މަގާމުގައި ވެސް ހުންނެވި ސަރުކާރުން ހުށަހަޅާ ބިލުތައް މަޖިލީހުން ފާސްކުރުމަކީ "ރަބާ ސްޓޭމްޕް" ޖެހުން ކަމަށް ނުދެކޭ ކަމަށާއި އެއީ ޒިންމާ އަދާކުރުން ކަމަށެވެ.
"ރައްޔިތުން ބުނީ ގާނޫނު އަސާސީ ބަދަލުކޮށްގެންވެސް އަޅުގަނޑުމެންނަށް ހިދުމަތްކޮށްދޭށޭ، އެހެންވެގެން އެވަރުގެ މެޖޯރިޓީއެއް ދިނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީގައި އޮތް މާއްދާއެއްގެ ސަބަބުން ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކާ ކުރަންޖެހޭ ކަމެއް ނުކުރެވޭ ނަމަ އެކަން ކުރުމުގެ މަގު ފަހިކުރުމަށް ރައްޔިތުން އެ ބާރު ސަރުކާރަށް ދީފައިވާ ކަމަށެވެ.
ރައްޔިތުންނަށް ފެނިގެންދާނީ ރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައްކަތް ކުރާ މަޖިލީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމަކީ ޕީއެންސީ ކޯލިޝަން އިދިކޮޅުގައި އޮތްއިރު، އެންމެ އިސްކޮށް އުޅުއްވި އެއް ލީޑަރެވެ.
ސަރުކާރަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތެއް ލިބިއްޖެނަމަ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެ މަޖިލިސް އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި އެވެ. ނަމަވެސް އޭރު ސަރުކާރުން ގެންދިޔައީ އެއީ ސަރުކާރާ ދެކޮޅަށް ޖައްސާ އެންޓި ކެމްޕޭނުގެ ގޮތުގައި ސިފަކުރުމުންނެވެ.












