މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގަ ވޯޓާ ދިމާކޮށް ހުރިހާ ދިމާލެއްގައި ވެސް ފައިސާ ބަހަމުންދާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އިންތިހާބުގައި ވޯޓު ދެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުން ކުށަކަށް ހަދާފައިވާ ގާނޫނަކީ ތަންފީޒުނުކުރެވޭ ގާނޫނެއް ކަމަށެވެ.
"އެއޮއްދަނީ ލާރި ބަހަމުން އެތައް މިތަނުގަ. އަޅުގަނޑު ނުބުނަން ލާރި ބެހުން ގޯހެކޭ ވެސް. ގާނޫނުގަ ގޯހެކޭ ބުނީމަ ގޯސްވީ. އެކަމަކު ފުލުހުންނަށް ނުވަތަ ދައުލަތަށް ތަންފީޒުނުކުރެވޭ ގާނޫނު ހަދައިގެން ކީއްތޯ މި ކުރަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
"އެއޮއްދަނީ ހަމަ ހުރިހާ ދިމާލެއްގަ ލާރި ބަހަމުން، ހަމަ ވޯޓުލާ ކޮންމެ މީހަކަށް 5،000 ބަހާތަންތަން އެބަހުރި، 5،000 އަށްވުރެ ގިނައިން ބަހާ ތަންތަން އެބަހުރި."
ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނުގެ ތެރޭގައި ފައިސާ ބެހުމުގެ މައްސަލަތައް ފާހަގެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވނީ ބުނެފަ އެވެ.

"އެކި ކެންޑިޑޭޓުންނާ ގުޅޭ ގޮތުންނާއި ސިޔާސީ ޕާޓީތަކާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ގަސްތުގައި ގެއްލުން ދިނުމުގެ ނިޔަތެއް ނެތި ނަމަވެސް ފަތުރަމުންދާކަމާއި ރިޝްވަތު ދިނުމާއި ވޯޓު ގަނެ ވިއްކުމާއި ވަޒީފާގެ ބިރުދެއްކުމާއި ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުން ދިނުމާއި ކެމްޕެއިނަށް ހުރަސް އެޅުންފަދަ ނޭދެވޭ ކަންކަން ހިންގަމުންދާކަމުގެ މައުލޫމާތު ލިބޭ،" އެޗްއާރްސީއެމްއިން އޭޕްރީލް 14، ގައި ނެރުނު ބަޔާނެއްގައި ބުންޏެވެ.












