ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް އާންމު އިންތިހާބު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިއަދު ކުރިއަށްދާއިރު މާލެ ސަރަހައްދުގެ ހޫނުމިން ވަރަށް ބޮޑަށް މައްޗަށް ގޮސްފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ހެނދުނު 11:00 ގައި މާލެ ސަރަހައްދުގެ އަސްލު ހޫނުމިން ހުރީ 32.7 ޑިގްރީ ސެލްސިއަސްގަ އެވެ. މާލެ ސަރަހައްދުގެ އިހުސާސްކުރެވޭ ހޫނުމިން ހުރީ 44.2 ޑިގްރީ ސެލްސިއަސްގަ އެވެ.
ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ބަލާއިރު، ހަނިމާދޫ، ކައްދޫ، ކާޑެއްދޫ އަދި ގަމުގައި ވެސް ހޫނުމިން ހުރީ ވަރަށް މަތީގަ އެވެ.
- ހަނިމާދޫ - ހޫނުމިން 32.8 ޑިގްރީ (އިހުސާސްކުރެވޭ ހޫނުމިން 43.7 ޑިގްރީ)
- ކައްދޫ - ހޫނުމިން 31.9 ޑިގްރީ (އިހުސާސްކުރެވޭ ހޫނުމިން 42.8 ޑިގްރީ)
- ކާޑެއްދޫ - ހޫނުމިން 31.6 ޑިގްރީ (އިހުސާސްކުރެވޭ ހޫނުމިން 42.2 ޑިގްރީ)
- އައްޑޫ ގަން - ހޫނުމިން 31.4 ޑިގްރީ (އިހުސާސްކުރެވޭ ހޫނުމިން 41.1 ޑިގްރީ)
މާލޭ ސަރަހައްދާއި އުތުރުގެ އަތޮޅުތަކަށް މިއަދު ނަލަ ދުވަހަކަށް ވާނެ ކަމަށް ލަފާ ކުރާއިރު، ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ވެހޭނެ ކަމަށް މިއަދު ހެދުނު މެޓް އޮފީހުން "އަދަދު" އަށް ބުންޏެވެ.
"މޫސުން އެހާ ގޯސްވެގެނެއް ނުދާނެ، މެދު ރާއްޖޭގެވެސް ބޮޑު ސަރަހައްދަކަށް އަދި އުތުރަށް އެކީގައި ހެން މޫސުން ރީތި، އަވި ދޭ ދުވަހެއްގެ ގޮތުގަ އޮންނާނީ،" އޭނާ ބުންޏެވެ.

މިއަދު މުޅި ރާއްޖޭގައި ކުރިއަށްދާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް އެންމެ ގިނަ މީހުން ވޯޓުލާނެ އަދި އެންމެ ގިނަ ވޯޓު ފޮށި ބަހައްޓާފައިވާ މާލެ ސަރަހައްދަށް މޫސުން ރީތިވާނެ ކަމަށާއި މުޅި ދުވަސް އޮންނާނީ އަވިގަދަ، ރީތި ދުވަހެއްގެ ގޮތުގައި ކަމަށް ވެސް މެޓު އޮފީހުން ބުނެ އެވެ.
މިއަދު ވޯޓުލާން ފެށީ ހެނދުނު 8:00 ޖެހިއިރެވެ. އަދި 11:00 ޖެހިއިރު 70،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެއީ ވޯޓުގެލުމުގެ ހައްގު ލިބޭ އާބާދީގެ 25 ޕަސެންޓު މީހުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ގޮނޑިއަށް މީހުން އިންތިހާބު ކުރާނެ އެވެ. މި އިންތިހާބުގައި 369 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އާބާދީއަކީ 284،663 އެވެ.













